ދިވެހިރާއްޖޭގެ ސަޤާފީ ސިޔާދަތާއި މިނިވަންކަމުގެ ފުރާނައަކީ މާތްވެގެންވާ އިސްލާމްދީން ކަމަށާއި، ޤައުމަށް އޮތް އެންމެ ރައްކާތެރި އައްޑަނައަކީ ސައްތަ އިންސައްތަ އިސްލާމީ ދައުލަތެއްގެ ގޮތުގައި ދެމިއޮތުން ކަމަށް ރޭ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، ދިވެހިރާއްޖެއަށް އިސްލާމީ ހިދާޔަތު ލިބުނުތާ ހިޖުރީގޮތުން 900 އަހަރު ފުރުން ފާހަގަކުރުމަށް، ހުޅުމާލޭ ސެންޓްރަލް ޕާކުގައި ރޭ އޮތް ރަސްމިއްޔާތުގައި، ޤައުމާ މުޚާޠަބުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ތަޤުރީރު ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހީންގެ ފަރުދީ، އިޖުތިމާޢީ އަދި ޤައުމީ ޙަޔާތަށް އިސްލާމްދީން ގެނެސްދިން ރައްކާތެރިކަމަކީ ދަރީންނަށް ފޯރުވައިދޭންޖެހޭ މުހިންމު ޙަޤީޤަތްތަކެއް ކަމަށެވެ. އިސްލާމީ ޝަރީޢަތުގެ މައިގަނޑު ފަސް މަޤުޞަދުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ދިވެހީންގެ ފަރުދީ، އިޖުތިމާޢީ އަދި ޤައުމީ ޙަޔާތަށް އިސްލާމްދީން ގެނެސްދިން ރައްކާތެރިކަމުގެ ސަބަބުން ދިވެހި މުޖުތަމަޢަކީ އަމާން، އިތުބާރު ބޮޑު މުޖުތަމަޢަކަށް ބަދަލުވެގެންދިޔަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އިސްލާމްދީން އައުމުގެ ކުރިން ދިވެހި މުޖުތަމަޢުގައި އޮތް ޝިރުކުގެ އަނދިރިކަމާއި އިޖުތިމާޢީ ނަހަމަކަން ނައްތާލައި، ހުރިހާ އިންސާނުންނަކީ މާތް ﷲގެ ޙަޟްރަތުގައި ހަމަހަމަ ބައެއްކަމުގެ ޙަޤީޤަތް ދިވެހީންގެ ހިތްތަކަށް ފޯރުވައިދިނީ އިސްލާމީ ހިދާޔަތުން ކަމަށާއި، އިންސާނީ ފުރާނައިގެ ޙުރުމަތް ކަށަވަރުކޮށްދީ، އަބުރުވެރިކަމާއި މުދަލުގެ ރައްކާތެރިކަން ދިވެހީންނަށް ލިބިގެންދިޔައީ މި މާތް ދީނުގެ ސަބަބުންކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ޚާއްޞަކޮށް ބުއްދި ރައްކާތެރިކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، މަސްތުވާތަކެއްޗަކީ މުޅި މުޖުތަމަޢާއި އާއިލާތައް ހަލާކުކޮށްލާ ބޮޑު މުޞީބާތެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އިސްލާމީ ތަރުބިއްޔަތުގައި ހިފަހައްޓައިގެން މެނުވީ އެފަދަ ނުރައްކާތަކުން ޤައުމު ސަލާމަތް ނުކުރެވޭނެ ކަމަށާއި، ބުއްދީގެ އިޞްލާޙާއެކު އުފެއްދުންތެރި، ޙިކްމަތްތެރި ޖީލެއް ބިނާކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރަންޖެހޭ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ތާރީޚަށް ނަޒަރު ހިންގަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހީން ޤައުމުގެ ދިފާޢުގައި ނިކުތް ކޮންމެ ފަހަރަކު އެކަން ފެށިފައިވަނީ ދީން ސަލާމަތްކުރުމުގެ ރޫޙާނީ ވިންދުތަކުގެ ތެރެއިން ކަމަށެވެ. އުތީމު މަހާރަދުން ޕޯޗުގީޒުންނާ ދެކޮޅަށް ކުރެއްވި ޖިހާދުން މިސާލު ނަންގަވަމުން، އެ ދުވަހު ދިވެހި މުޖުތަމަޢު ސަލާމަތްވީ ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި ދިވެހީން ތިބުމުންނާއި، ދީނަށް ޣައްދާރުވާނެ ބަޔަކު ދިވެހީންގެ ތެރޭގައި ނުވުމުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން، ބަވަނަވެފައިވާ ދުނިޔޭގެ އޮއިވަރުގެ ތެރެއިން އަންނަ ގޮންޖެހުންތަކުން ދުރުވެ، އީމާންތެރިކަމުގެ ރޫޙު އާކުރުމަށް އިލްތިމާސްކުރެއްވިއެވެ. އަދި ދިވެހި ޤައުމީ ތަރައްޤީގެ ދީނީ މުސްތަޤުބަލް ކޮންމެ ފަރުދެއްގެ ހިތުން ފެށިގެން މުޅި ޖަމާޢަތަށް ފެތުރިގެންދާ ގޮތަށް ބައްޓަންކުރުމަށާއި، ދިވެހިރާއްޖެ ސައްތައިން ސައްތަ އިސްލާމީ ދައުލަތެއްގެ ގޮތުގައި އަބަދުމެ ދެމެހެއްޓެވުމަށް ދިވެހި އެންމެހާ ރައްޔިތުންނަށް އިލްތިމާސް ކުރެއްވިއެވެ.
ރޭގެ ރަސްމިއްޔާތުގައި ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތުގައި 1 އަހަރު ދުވަހުގެ މުއްދަތަށް ބޭނުންކުރެއްވުމަށް ހަމަޖެހިފައިވާ ލޯގޯއާއި ޝިޢާރުވެސް އިފްތިތާޙްކޮށްފައެވެ.


































