ފުލުހުންގެ ސައިބަރ ސެކިއުރިޓީ އޮޕަރޭޝަން ސެންޓަރު އިތުރަށް ތަރައްގީކޮށް ހަރުދަނާކުރުމާ ގުޅޭގޮތުން ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ސައިބަރ ސެކިއުރިޓީގެ ހެޑް، ޑރ. މުޙައްމަދު އަލް ކުވެއިތީއާ މަޝްވަރާކުރައްވައިފިއެވެ.
މި މަޝްވަރާކުރެއްވުން ބޭއްވީ އިސްކަންދަރު ބިލްޑިންގގައެވެ.
ޑރ. މުޙައްމަދު އަލް ކުވެއިތީ އާއި އެ ޤައުމުގެ އިސްވެރިންގެ މައްޗަށް އެކުލެވޭ ވަފުދުގެ ބޭފުޅުންނާއެކު ބޭއްވި މި މަޝްވަރާގެ ތެރޭގައި ފުލުހުންގެ އިންސާނީ ވަސީލަތް ބިނާކުރުމުގެ މުހިންމު ކަމަށް އަލިއަޅުއްވާލައްވައި، ދިވެހި ފުލުހުންނަށް ބޭނުންވާ އިތުރު ތަމްރީނުތައް ފޯރުކޮށްދިނުމާ ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
ހާއްސަކޮށް، ދުނިޔޭގެ ޓެކްނޮލޮޖީއަށް އަންނަމުންދާ ހަލުވި ބަދަލުތަކާއެކު ސައިބަރ ސެކިއުރިޓީ ވަރުގަދަކުރުމުގެ މުހިންމުކަން ފާހަގަކޮށް، ފުލުހުންގެ ސައިބަރ ސެކިއުރިޓީ އޮޕަރޭޝަން ސެންޓަރު އިތުރަށް ތަރައްގީކޮށް ހަރުދަނާކުރުމާ ގުޅޭގޮތުން ވެސް ވާހަކަދެކެވުނު ކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.
ބައްދަލުވުމުގެ މަޝްވަރާތައް ބިނާކޮށްފައިވަނީ ޔޫ.އޭ.އީ ސަރުކާރުގެ އެހީތެރިކަމާއެކު ދިވެހި ފުލުހުންގެ އިންވެސްޓިގޭޝަން އަދި އޮޕަރޭޝަނަލް ކެޕޭސިޓީ އިތުރުކުރުމަށް މިހާރު ކުރިއަށްދާ ޕްރޮޖެކްޓުތަކާ ގުޅޭގޮތުން ކަމަށާއި އަދި މި މަސައްކަތްތައް ކުރިއަށް އޮތް ތަނުގައި އިތުރަށް ހަރުދަނާކުރެވިދާނެ ގޮތްތަކާ މެދު ދެފަރާތުން ފުޅާދާއިރާއެއްގައި ހިޔާލު ބަދަލުކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި، ދެފަރާތުގެ ދެމެދުގައި އޮތް ގާތް ގުޅުން ފާހަގަކުރައްވައި، ޔޫ.އޭ.އީ އިން ދިވެހި ފުލުހުންނަށް ދެއްވަމުންދާ އެހީތެރިކަމަށްޓަކައި ކޮމިޝަނަރ އޮފް ޕޮލިސް ޝުކުރު އަދާކުރެއްވިއެވެ.


































