ޑޮލަރުގެ އަގު ތިރި ވަންދެން، އުމްރާނީ ހުރިހާ މަސައްކަތެއް ހުއްޓާލަން ޖެހޭ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ ޑޮލަރުގެ އަގު ތިރި ނުވަނީސް ސަރުކާރުން އަސާސީ ޚިދުމަތްތަކަށް ކުރާ ޚަރަދުތައް ފިޔަވައި އިތުރު އެއްވެސް ޚަރަދެއް ކުރުން ރަނގަޅު ނޫން ކަމަށެވެ. އަދި އުމްރާނީ ހުރިހާ މަސައްކަތެއް މިހާރުން މިހާރަށް ހުއްޓާލަން ޖެހޭ ކަމަށާއި ރަށްރަށުގައި ނުނިމި ހުރި ޕްރޮޖެކްޓުތައް ރަށު ކައުންސިލާ ހަވާލު ކުރުން ރަނގަޅު ވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ ކައުންސިލުން ކްރޮސް ސަބްސިޑީގެ އުސޫލުން އަގު ދައްކާ އެ މަސައްކަތް ނިންމިދާނެ ކަމަށެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވި އިރު، ބޭރު ފައިސާގެ ބާޒާރަށް އަންނަ ބަދަލުތަކާއި ބޭރު ފައިސާގެ ކަޅު ބާޒާރެއް އުފެދިފައިވާތީ، މިކަމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވުމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަހުމަދު މުނައްވަރާ ބައްދަލު ކުރެއްވުމަށް ހުށަހަޅާފަ އެވެ. ޑޮލަރުގެ އަގު މިހާރު ހުރީ މީން ދުވަހަކުވެސް ނުދާވަރަށް މައްޗަށް ގޮސްފައެވެ. މިކަމުގެ ސަބަބުން ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ދާނެ ކަމަށް ބެލެވެއެވެ.


































