ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ މުވައްޒަފުންނަކީ ސިވިލް ސާވިސްގެ މުވައްޒަފުން ކަމުގައި ހަމަޖެއްސުމަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ ދިރާސާކުރަން ލާމަރުކަޒީ ކޮމިޓީއަށް ފޮނުވައިފި އެވެ.
ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހެޅުއްވީ ފުވައްމުލަކު އުތުރު ދާއިރާ މެންބަރު ހަމަދު އަބްދުﷲ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ މި ބިލްގެ ފުރަތަމަ ކިޔުން އިއްވާ އިބްތިދާއީ ބަހުސްވެސް ކުރިއަށް ގެންގޮސްފަ އެވެ. މި ބިލް ބަލައިގަތުމަށް ފެންނަ ކަމަށް 44 މެންބަރުން ވޯޓު ދެއްވިއިރު ނުފެންނަ ކަމަށް ފަސް މެންބަރުން ވޯޓު ދެއްވި އެވެ.
މި ބިލް ހުށަހަޅާ ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ލޯކަލް ކައުންސިލްތަކުގެ މަސައްކަތްތަކާއި ހަރަކާތްތައް ވިލަރެސް ކުރުމުގެ ޒިންމާ މަތިކޮށްފައިވާ އިދާރާ ކަމުގައިވާ ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން އެ އޮތޯރިޓީގެ މުވައްޒަފުންނަކީ ސިވިލް ސާވިސްގެ މުވައްޒަފުން ކަމުގައި ހަމަޖެއްސުމަށެވެ.
އިސްލާހުގައިވާ ގޮތުން އެލްޖީއޭގެ މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި އޮތޯރިޓީއަށް ބޭނުންވާ މުވައްޒަފުން އައްޔަންކޮށް ވަކިކުރާނީ ޗީފް އެގްޒެކެޓިވް އޮފިސަރުގެ
ލަފާގެމަތިން ސިވިލް ސާވިސް ކޮމިޝަނުންނެވެ.
އެލްޖީއޭގެ މުވައްޒަފުން އައްޔަންކޮށް ވަކިކުރުމުގައާއި، މުވައްޒަފުންނާގުޅޭ
އެނޫންވެސް ކަންކަމުގައި ދިވެހި ސިވިލް ސާވިސްގެ ގާނޫނު ގެ 63 ވަނަ މާއްދާގައި ބަޔާންކުރާ ޒިންމާދާރު އިސްވެރިޔާގެ ދައުރު އަދާކުރާނީ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރު ކަމަށްވެސް އިސްލާހުގައިވެ އެވެ.
މީގެ އިތުރުން ރަށްރަށާއި ސިޓީތަކުގައި ގާނޫނުގެ ދަށުން ލޯކަލް ކައުންސިލްތަކުން ފޯރުކޮށްދޭންޖެހޭ އާންމު ހިދުމަތްތަކުގެ ތެރޭގައި ކުނި މެނޭޖުކުރުމުގެ ހިދުމަތް ހިމެނުމަށް މި އިސްލާހުގައިވެ


































