1980ގެ އަހަރުތަކުގައި ދިވެހިން އެންމެ ފޯރިނަގަނީ ކޮންކަމަކާހޭ އަހައިފިނަމަ، އެންމެންވެސް އެއްބަސްވާނެ އެއްކަމެއް އެބައޮތެވެ. އެއީ ދިވެހި ފުޓްބޯޅައިގެ ފޯރިއެވެ. ނިއުރޭޑިއަންޓާއި ވިކްޓްރީ ސްޕޯޓް ކްލަބާއި ކްލަބް ވެލެންސިއާ ފަހުން ލެގޫންސާއި ހުއްރިއްޔާ ފަދަ ކްލަބުތައް ކުޅޭ ދުވަސް ދުވަހު ކޮޅަށް ތިބެގެންވެސް ފުޓްބޯޅަ ބަލަން ގަލޮޅު ދަނޑަށް ވަދެ ޓީމަށް ސަޕޯޓް ކުރިއެވެ. ދިވެހި ކްލަބްތަކުގެ ދިދަ މާލޭގެ އަވަށް އަވަށުގެ ގޭގޭގައި ނަގާ ފޯރި ނެގިއެވެ. އެއް އެއްކުލަބެއްގެ ދިދަައަށް ވުރެ ބޮޑު ދިދައެއް ނެގޭތޯ ބަލައެވެ. އަދި އަތޮޅު ތެރެއަށް ޓީވީގެ ޚިދުމަތް ލިބުނު ދުވަސް ވަރު ކަމަށް ނުވާތީ ދިވެހި ރާއްޖޭގެ އަޑުން ފޮނުވާ ފުޓްބޯޅަ ކޮމެންޓްރީ އަޑުއަހަށް ރަށްރަށުގެ އެންމެން އެއްތަނަކަށް އެއްވެ މަޖާ ކުރިއެވެ. އެބަޔަކު ސަޕޯޓް ކުރާ ކުލްބް ކުޅޭ ދުވަހު އެންމެން އެކުވެގެން ބޮނޑިބަތާ ކުޅިމަސް ފަދަ ކެއުމުގެ އިންތިޒާމު ހަމަ ޖައްސައެވެ. އެއީ މިވަނީ ފުޓްބޯޅައިގެ މާޒީ އެވެ. ސަބަބާ މެދު އެއްޗެއް ދަންވާކަން ނެތީމެވެ. ދިވެހިން ނަކީ ވަރަށް ތަފާތު ބައެކެވެ.
ރާއްޖޭގައި 2000ގެ އަހަރުތައް ފެށި މާގިނަ ދުވަސްތަކެއް ނުވެ ޤާނޫނު އަސާސީ އިސްލާޙު ކުރަން ވެއްޖެ ކަމުގެ އަޑުތައް އިވެން ފެށިއެވެ. 2004ވަނަ އަހަރު ރައީސް މައުމޫން އިއުލާން ކުރެއްވި އިސްލާހީ އެޖެންޑާއާއި ގުޅިގެން ސިޔާސީ އިސްލާހީ ވާހަކަތައް ފެށިއްޖެއެވެ. ސިޔާސީ ޙަރަކާތްތަކަށް ހުޅުވާލެވުނު ދޮރުތަކާއި އެކު ގިނަ ”ސިޔާސީ ލީޑަރުން “ ފެންނަން ފެށިއެވެ. 2008ވަނަ އަހަރު ތަސްދީޤު ކުރެވުނު އައު ޤާނޫނު އަސާސީ އެކު ސިޔާސީ ޕާޓީތައް އިންތިޚާބުތަކުގައި ވާދަކުރަން ފަށައިފިއެވެ. މިއާއި އެކު 1980ގެ އަހަރު ތަކުގައި އޮތް ފުޓްބޯޅަ ފޯރި ދެން އަންނަން ފެށީ ސިޔާސީ ހަރަކާތްތަކަށެވެ. އެމީހަކު ސަޕޯޓް ކުރާ ޕާޓީއެއްގެ ދިދަ ނަގާ ރަށުގެ މަލަކުރިއަށް ނެގިއެވެ. ގޭގެގައި އަދި މަގު ފާރުތަކުގައި ޕާޓީ ކުލައިން ޖަަރީކޮށްލިއެވެ. 2008ވަނަ އަހަރު ދިވެހި ރާއްޖޭގެ ފުރަތަމަ ފަހަރަށް ގިނަ ޕާޓީ ވާދަކުރި ރިޔާސީ އިންތިޚާބު ބާއްވާ އެމްޑީޕީ އިންތިޚާބު ކާމިޔާބު ކުރިިއެވެ. އެއިގެ ފަހުން މިވޭތުވެ ދިޔަ އަހަރު ތަކުގައި ބޭއްވީ އިންތިޚާބުތަކުގައި ކާމިޔާބު ލިބެމުން ދަނީ ބޮޑު ދެޕާޓީން ކުރެ އެއްޕާޓީއަކަށެވެ. ފަހަރަކު ޕާޓީއަކަށެވެ. ދިވެހި ފުޓްބޯޅައިގެ ފޯރި އެންމެ ގަދަ ދުވަސްވަރު ޤައުމީ ތަށި ވިކްޓްރީ ސްޕޯޓްސް ކުލަބް ޖެހިޖެހިގެން ތިން ފަހަރު ހޯދާ ތަށި މިލްކު ކުރި ނަމަވެސް ސިޔާސީ މަސްރަހުގައި އަދި ތިންފަހަރު ކީއްކުރަންތޯ ދެވަނަ ފަހަރަށް އެއް ޕާޓީއަކުން އިންތިޚާބުތައް ކާމިޔާބު ކުރާތަން ފެނިފައެއް ނުވެއެވެ.
ސިޔާސީ ޕާޓީތައް އުފެދިގެން އައި ދުވަސް ވަރާ މިއަދާ އަޅާ ކިޔާއިރު ދިވެހިން ސިޔާސީ ކަންކަމަށް އޮންނަ ފޯރި ކުޑަވެގެން އަންނަ ކަމަށް ފާހަގަ ކުރެވެއެވެ. ”އަހަރަމެންނަށް ކޮން ކަމެއްހޭ؟ ރަގަޅު އެއްބައެއް ވެސް ނެތޭ. ވެރިކަމަށް އަންނަން އުޅޭ އިރު ރައްޔިތުން ފެނޭ، ގޭ ދޮށަށް އައިސް ކުދިން އުރާ ނިކަން ލޯބިން އުޅޭ. ކޮންމެ ބަޔަކު ނަމަވެސް ވެރިކަން ލިބުނީމާ ދެން އިވެނީ ކޮރަޕްޝަނާ ފަސާދައިގެ ވާހަކަ. މަލަކަަށް ބުނާނެ މަލެއް ނެތޭ“ ބާޒާރުމަތީގައި އޮތް ސިޔާސީ ހަރަކާތެއް ބަލަން ހުރި މީހަކު ބުންޏެވެ. އެއީ ”މައް“ ދިވެއްސެގެ ޚިޔާލެވެ. އެގޮތަށް ކަން ހިނގާ ކަމަށް ވާނަމަަ، ދިވެހިން ސިޔާސީ ޕާޓީތަކުގެ ފަހަތުން ”މަގޭ ޕާޓީ“ އޭ ”މަގޭ ޓީމޭ“ ގޮވާ ދުވުމުގެ ބޭނުމެެއް ނެތެވެ. މި ހަޤީޤަތް މާލޭގައި މިފަހަކަށް އައިސް ބާއްވަމުން ދާ ސިޔާސީ ރެލީތަކުން ފެނެއެވެ. ސިޔާސީ ހަރަކާތްތައް ފެށިގެން ދިޔަ ދުވަސްވަރު ދިވެހިން ނެގި ފޯރިއެއް ނެތެވެ. މިހާރު ދިވެހިންގެ ފޯރި ކެނޑިއްޖެއެވެ. ކޮންމެވެސް ސަބަބަކާ ހުރެ ނަމަވެސް ކްލަބް ފުޓްބޯޅަ ފޯރި ކެނޑުނީއެވެ. މިއަދު މިވަނީ ސިޔާސީ ފޯރިވެސް ކެނޑެން ފަށާފަައެވެ. މިއީ ހަޤީޤަތެވެ. ދިވެހިން ނަަކީ ވަރަށް ތާފަތު ބައެކެވެ. ވާނީވެސް އެހެންތާއެވެ. ކޮންމެ ބަޔަކުވެސް ނަގާ ދިދައާ ޖަހާ ބެރާ ދައްކާ ވާހަަކަ އަކާ ގުޅުން ކުޑަވަމުން ދިއުމުން ދިވެހިިންގެ ފޯރި ކެނޑެމުން ދަނީއެވެ. ސިޔާސީ ކަންކަމުގައި ފޯރި ގެންނަށް ތިބި ބަޔަކު ފޯރި ނެގިޔަކަސް ދިވެހިންގެ ފޯރި ކެނޑޭކަން އިޙްސާސެއް ނުވޭތޯއެވެ. ތަފާތު ގިނަ ސަބަބު ތަކެއް އެބަހުއްޓެވެ. ގޮތް ނިންމާނީ ތިޔަ ބޭފުޅުންނެވެ.

































