މިއަހަރުގެ ރަމްޟާން މަސް މިވަނީ އަޅުގަނޑުމެންނާ ބައްދަލުކޮށްފައެެވެ. ރަމްޟާން މަހަކީ، އެންމެހާ މުސްލިމުންނަށް ޚާއްޞަ ކަމެއް ދެވިފައިވާ މަހެކެވެ. އެމަހަށް ތައްޔާރު ވުމަށްޓަކައި އެތައްކަމެއް ކުރެއެވެ. ގޭގައި ކުލަލުމާއި އައު ފަރުނީޗަރާއި ބަދިގެ ސާމާނު ހޯދުމަށް އަވަދި ނެތި އުޅޭތަން ފެނެއެވެ. ރޯދަ މަހަަށްޓަކައި، ކާބޯތަކެތި ގެއަށް އެތެރެ ތައްޔާރު ވެއެވެ. ފިހާރަތަކުން ”ރޯދަ ސޭލް“ އެކިވަރުގެ އިނާމުތަކާއި ހުޅުވާލައެވެ.
އަޅުގަނޑުމެން ގޯތި ގެދޮރާއި ދިރިއުޅުން ރޯދަ މަހަށް ތައްޔާރުވާ ފަދައިން އެމީހެއް ހިތާ ނަފުސު ރޯދަ މަހަށް ތައްޔާރު ވާން ޖެހެއެވެ. ތިމާގެ ހިތުގައި އަނެއް މުސްލިމު އަޚާއަށްޓަކައި ހިތްހެޔޮކޮށް ތިމާގެ އަވައްޓެރިއާ ޓަކައި ހެޔޮކޮށް ހިތުމަކީ ހަމަ ކޮންްމެ މުސްލިމަކުވެސް ކުރަން ޖެހޭނެ ކަމެކެވެ. މައިންބަފައިންނަށް އޯގާތެރިވެ އަނބި ދަރިންނަށް އެހީތެރިވުމުގައި ތިމާ އަބަދުވެސް ދެމިހުންނަށް އަޒުމު ކަނޑައަޅަން ވާނެއެވެ. އެކިއެކި އިޖުތިމާޢީ ގޮތުން އުފެދިފައިވާ ނުތަވަސްކަން އެފަަރާތްކޮށްލާ ބަރަކާތްތެރި މަހަށްޓަކައި ނަަމަަވެސް ހިތްސާފުކޮށްލަން ޖެހެއެވެ. މިރަމްޟާން މަސް ފެށިގެން މިދަނީ ލޯކަލްކައުންސިލްތަކުގެ އިންތިޚާބު ”ވިލާގަނޑު“ ބޯމަތި ވެފައިވާ ވަގުތެެއްގައެވެ. އެހެނިހެން އިންތިޚާބާ ޚިލާފަށް ލޯކަލް ކައުންސިލްއިންތިޚާބަކީ ވަކިވަކި ރަށްރަށާއި ގުޅިފައިވާ ރަށުގެ އެކުވެރިންނާއި ތިމާގެ މީހުން ވާދަ ކުރާ ރަށުފެންވަރުގެ އިންތިޚާބެކެވެ. މިފަދަ އިންތިޚާބެއް ކުރިމަތި ވެފައިވީ ނަމަވެސް ވިސްނަންވީ ކަމަކީ އަހަރަމެންނަކީ މުސްލިމުން ކަމެކެވެ. އަހަރަމެންނަކީ ދުވާލެއްގެ އެތައް ފަހަރަކު ބައްދަލުވާ އެއްރަށެއްގެ އެއް އާއިލާއެއްގެ ބައެކެވެ. ސިޔާސީ ޕާޓީތަކުގެ ވާދަވެރި ކަމުގައި އެކުވެރިންނާއި ތިމާގެ މީހުން މިއަދު މިވަނީ ވާދަވެރި އިންތިޚާބަކަށް ކުރިމަތިލާފައެވެ. އިންތިޚާބު ނިމުމުން ކޮންމެވެސް އެއްބަޔަކަށް ކާމިޔާބު ވާނެއެވެ. އިންތިޚާބުތައް ގުޅިފައި ވަނީ ކާމިޔާބީއާއި ނާކާމިޔާބީގެ މައްޗަށެވެ. މިފަދަ ކޮންމެ ދަނޑިވަޅެއްގައި ވެސް އަޅުގަނޑުމެންގެ ރަށާއި އާއިލާ އާއި އެއްބައެެއް ވަންތަކަން ނަގާލެވިގެން ނުވާނެއެވެ. އަޅުގަނޑުމެންގެ ސާފު ހިތަކާއިގެން ބައްދަލުކޮށްލާ ހިތްނިޔަތް ޚާލިޞް ކޮށްލަންވާނެއެވެ. މިކަމަށް ތައްޔާރުވާން ލިބޭ އެންމެ ބޮޑު ފުރުޞަތު މިވަނީ އަޅުގަނޑުމެން ލިބިފައެވެ.
މި ބަރަކާތްތެރި މަހުގެ ސަބަބުން އަޅުގަނޑުމެންގެ ގުޅުންތައް ރަގަޅުކޮށް އިސްލާހް ކުރަން ތަމްރީން ލިބެއެވެ. ތިމާގެ އަޚާއަށް ހެޔޮކޮށް ހިތާ އޯގާތެރި ވުމަށް ފުރުޞަތު ފަހިވެގެން ދެއެވެ.

































