މާލެއާއި ވިލިމާލޭގެ މަގުތައް ޒަމާނީފެންވަރަށް ތަރައްޤީކުރުމަށް ހަދަންޖެހޭ ދިރާސާގެ މަސައްކަތްތައް ފަށައިފިއެވެ.
ޒަމާނީ ފެންވަރަކަށް މާލެއާއި ވިލިމާލޭގެ މަގުތައް ތަރައްޤީކުރުމަށް މި މަސައްކަތްކުރަނީ ޗައިނާ ސަރުކާރުން ފޮނުވާފައިވާ ތަޖުރިބާކާރުންގެ ޓީމަކުންނެވެ.
ޒަމާނީ ފެންވަރަކަށް މާލެއާއި ވިލިމާލޭގެ މަގުތައް ތަރައްޤީކުރުމަށް ޗައިނާ ސަރުކާރާ ދިވެހި ސަރުކާރާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
ޢިމާރާތްކުރުމާއި ބިނާރާއިބެހޭ ވުޒާރާއިން ވިދާޅުވީ، މާލެއާއި ވިލިމާލޭގެ މަގުތައް ޒަމާނީފެންވަރަށް ތަރައްޤީކުރުމަށް ހަދަންޖެހޭ ދިރާސާގެ މަސައްކަތްކުރާ ތަޖުރިބާކާރުންގެ ޓީމު މިހާރު ރާއްޖެ އައިސްފައިވާ ކަމަށެވެ. އަދި މި ޓީމުން ހަދާ ދިރާސާތަކާއި މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް މިމަހުގެ 5 އިން 21 އާ ހަމައަށް ކުރިއަށްގެންދާނެކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
މި ދިރާސާތައް ވާނީ މަގު ހެދުމުގެ މަޝްރޫޢު ކުރިއަށްގެންދާނެ ގޮތް ރޭވުމުގައި މުހިންމު ދައުރެއް އަދާކުރާނެ އެއްޗަކަށް ކަމަށް ބިނާރާބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
މާލެއާއި ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގައެވެ. މި މަސައްކަތުގެ ދަށުން ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢު ހިމެނޭހެން، މާލޭގެ މަގުތައް ތާރުއަޅައިގެން ތަރައްޤީކުރުމަށް ހަމަޖެހިފައިވެއެވެ.
މި މަޝްރޫއުގެ ދަށުން މާލޭގެ މަގުތައް ހަދާނީ ފެނާއި ނަރުދަމާގެ ނިޒާމާއި ކަރަންޓު އަޕްގްރޭޑް ކުރުމާއި ސްޓޯމް ވޯޓާ ނިޒާމާއި ފަޔާ ހައިޑްރަންޓްގެ ނިޒާމުވެސް ގާއިމުކޮށްގެންކަމަށް ސަރުކާރުން ވިދާޅުވެއެވެ.

































