ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހުޅުމާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުހުންގެ ޚިދުމަތުން ބުނީ، ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ހމ. ސިފްކޯހިޔާ 0801 ބީ / މާލެ، އިބްރާހީމް ޢަމްރު ތައުފީޤު (22އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންނެވެ. އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި (500 ގުރާމް) ފެނިފައިވެއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، މި ޖަނަވަރީ މަހުގެ 26 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނަކީ “އޮޕަރޭޝަން އަލިމަގު” ގެ ދަށުން ހިންގި އޮޕަރޭޝަނެއްކަމަށެވެ.
މި މައްސަލައާ ގުޅިގެން އިބްރާހީމް ޢަމްރު ތައުފީޤުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސްދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

































