ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން، ހުޅުއްވައިދެއްވައިފި އެވެ.
ސީއެޗްއެސްއީ މާލެ އަލުން ހުޅުވައިދެއްވާފައި މިވަނީ އެ ސްކޫލުގެ ޢިމާރާތުގެ އާބާތުރަފިލުވުމަށްފަހު ހޯމަދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
ރޭގެ ރަސްމިއްޔާތުގައި، ސީ.އެޗް.އެސް.އީ.ގެ އެހާރާއި މިހާރުގެ ހަނދާނީ ރަމްޒެއް ރައީސުލްޖުމްހޫރިއްޔާއަށް ވެދުމަށް އަރުވާފައިވެ އެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ ސްކޫލުގެ ފަސް ދަރިވަރެއްގެ ބައިވެރިވުމާއެކު ބޭއްވި ”ޤައުމުގެ މުސްތަޤުބަލާމެދު ދަރިވަރުންގެ އުންމީދު“ ފޯރަމް ބައްލަވާލައްވާފަ އެވެ.
ސީ.އެޗް.އެސް.އީ.އަށް 45 އަހަރު ފުރުމާއި ގުޅިގެން މިދިޔަ ޖުލައި މަހުގެ 3 ވަނަ ދުވަހު ބޭއްވި ޚާއްޞަ އެސެމްބްލީގައި ރައީސް މުޢިއްޒު ވަނީ މަތީ ޘާނަވީއަށް ކިޔެވުމުގެ އިންތިޒާމު ފުރަ މާލޭގައި މިއަހަރު ސަރުކާރުން އަލުން ހަމަޖައްސެވުމަށް ނިންމަވާފައިވާކަން ހާމަކުރައްވާފަ އެވެ. މިރޭ ސީ.އެޗް.އެސް.އީ – މާލެ ހުޅުވިގެންދިއުމާއެކު ފުރަ މާލޭގައި މަތީ ޘާނަވީއަށް ކިޔެވުމުގެ ފުރުސަތު އަލުން މިވަނީ ތަނަވަސްވެގެން ގޮސްފަ އެވެ.
ރައީސް މީގެ ކުރިން ވަނީ މަތީ ޘާނަވީއަށް ކިޔަވަން ބޭނުންވާ ހުރިހާ ކުދިންނަށް މާލޭގައާއި އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ގިނަ ފުރުޞަތުތައް ސަރުކާރުން އިތުރުކުރެއްވުމަށް މަަސައްކަތް ކުރައްވަމުންދާކަން ހާމަކުރައްވާފަ އެވެ.
ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން މާލޭގައި މިރޭ އަލުން ހުޅުވިގެންދާއިރު މި ސްކޫލުގައި މިހާރު 424 ދަރިވަރުން ދަނީ ތަޢުލީމު ހާޞިލްކުރަމުންނެވެ. ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން އެންމެ ފުރަތަމަ ހުޅުވާފައިވަނީ 3 ޖުލައި 1979 ވަނަ އަހަރު އެވެ.

































