މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގެ ސެކިއުރިޓީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ހިންގުމަށް ހަމަޖެފައިވާ އޮޕަރޭޝަންގެ ކޮމާންޑަރުން މިއަދު ކަނޑައަޅައިފިއެވެ.
ލޯކަލް ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގެ ސެކިއުރިޓީ ކޮމާންޑަރަކަށް އައްޔަނުކުރައްވާފައިވަނީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ޝަރީފްއެވެ. ޑެޕިއުޓީ ކޮމާންޑަރަކަށް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙުސައިން ސަމީރު އައްޔަނުކުރައްވާފައިވާއިރު، ޗީފް ޓެކްނޮލޮޖީ އޮފިސަރަކަށް އައްޔަނުކުރައްވާފައިވަނީ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު އާޠިފްއެވެ. އަދި ޓެކްޓިކަލް ކޮމާންޑަރަކަށް އައްޔަނުކުރައްވާފައިވަނީ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުލްމަތީން ޢަބްދުލްކަރީމްއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، ކޮމިޝަނަރގެ އޮފީހުގައި މިއަދު ބޭއްވި. ބައްދަލުވުމުގައި، އެ ކޮމާންޑަރުންނަށް ލިޔުން ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނަވީންއެވެ. މި ބައްދަލުވުމުގައި، އިންތިހާބުގެ އެންމެހައި ކަންކަން އަމާންކަމާއެކު ކުރިއަށް ގެންދިއުމަށާއި ހުރިހާ ރައްޔިތުންނަށް ވެސް ރައްކާތެރި އަމާން މާހައުލެއް ގާއިމުކުރުމަށް މަސައްކަތް ކުރުމަށް ފުލުހުންގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް މަޝްވަރާކުރެއްވިއެވެ.
ރާއްޖޭގައި ބާއްވާ އެކިއެކި އިންތިޚާބުތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށާއި އިންތިޚާބަށް އަމާން ރައްކާތެރި މަހާއުލެއް ގާއިމްކުރުމަށްޓަކައި އޮޕަރޭޝަން ކޮމާންޑަރުން އައްޔަންކޮށް، ކޮންމެ އިންތިހާބަކަށްވެސް ދުރާލައި ފުލުހުން ދަނީ ތައްޔާރުވަމުންނެވެ.

































