ކިންގްސް ކެޕިޓަލް ކުންފުނިން ހިންގި ޕޮންޒީ ސްކީމެއްގައި ބައިވެރިވެ، ފައިސާ އިންވެސްޓްކުރި މީހަކަށް ބަދަލު ދިނުމަށް، އެ ކުންފުންޏާއި އޭގެ ހިއްސާދާރުން ކަމަށްވާ އަލްހާން ފަހުމީ އޭނަ އޭނާގެ ކޮއްކޮ ޝަހުބާން ފަހުމީގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ. މި ހުކުމްގައި ޖުމްލަ 587,466ރ. ރުފިޔާ ދެއްކުމަށް ހުކުމްކޮށްފި އެވެ.
ބުރާސްފަތި ދުވަހު އިއްވި މި ހުކުމްގައި އަލްހާނާއި ޝަހުބާންގެ މައްޗަށް އިއްވީ 15 ދުވަހުގެ ތެރޭގައި ދެއްކުމަށެވެ. އެ ހުކުމް އިއްވީ އެ މީހުންގެ ޣައިރު ހާޒިރުގައެވެ.
އަލްހާނާއި ޝަހުބާން އެ މީހުން ހިއްސާވާ ކިންގްސް ކެޕިޓަލް ކުންފުނީގެ މައްޗަށް އަމިއްލަ ފަރާތަކުން ސިވިލް ކޯޓުގައި ދައުވާކުރީ، އޭނާ ދެ ފަހަރެއްގެ މަތިން އިންވެސްޓްކުރި 120,000ރ. އާއި، އެ ފައިސާ އިންވެސްޓް ކޮށްގެން ލިބެން ޖެހޭ ފައިދާގެ ގޮތުގައި ނުލިބިވާ 390,840ރ. ރުފިޔާ ހޯދުމަށް ދައުވާލުރި އެވެ.
ޝަރީއަތް ހިންގުމަށް ތިން ފަހަރެއްގެ މަތިން އަލްހާނާއި ޝަހުބާން ކޯޓަށް ހާޒިރުވާން އަންގައި އިއުލާން ކުރި ނަމަވެސް، އެ އިއުލާނާ އެއްގޮތަށް އެ މީހުން ކޯޓަށް ހާޒިރުވެފައެއް ނުވެ އެވެ.
ކިންގްސް ކެޕިޓަލްސްއިން ގިނަ ބައެއްގެ އަތުން ފައިސާ ނަގައިގެން ހިންގި އިންވެސްޓްމަންޓް ސްކީމްގެ މައްސަލާގައި އަލްހާނާއި އެ ކުންފުނީގެ ޑިރެކްޓަރުންގެ މައްޗަށް މީގެ ކުރިން ޖިނާއީ ތަހުގީގެއް ފުލުހުން ހިންގާފައިވެ އެވެ.

































