އަންނަ ބުދަ ދުވަހުގެރޭ، ރައީސް ޑރ. މުހައްމަދު މުއިއްޒު ދިވެހި ވިޔަފާރިވެރިންނާ ބައްދަލުކުރައްވަން ހަމަޖެހިފައިވާ ކަމަށް ސަރުކާރުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.ހީނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ، ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، ިޔާލާއި މަޝްވަރާ ހޯއްދަވާ، ރައްޔިތުން ކަންބޮޑުވާ ކަންކަން ޙިއްސާ ކުރައްވާ، ބޭނުންފުޅުވާ ކަންކަން ސީދާ އަޑުއެއްސެވުމަށް ރައީސް ޑރ.މުޢިއްޒު ބާއްވަވާ ސިލްސިލާ ބައްދަލު ކުރެއްވުންތަކުގެ ތެރެއިން ކުރިއަށް ގެންދަވާ ބައްދަލުކުރެއްވުމެއް ކަަމަށެވެ.
މި ބައްދަލުކުރެއްވުން އޮންނާނީ ބުދަ ދުވަހުގެރޭ 8:30 ގައި، ސޯޝަލް ސެންޓަރުގައެވެ.
އަންނަ ބުދަދުވަހުގެ ރޭ ވިޔަފާރިވެރިންނާ ރައީސް ބައްދަލު ކުރެއްވުމަށް ހަމަ ޖައްސަވާފައިވާއިރު އަންނަ އަންގާރަ ދުވަހުގެ ރޭ ގަލޮޅުގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ތާވަލު ކުރައްވާފައި ވެއެވެ.
ރައީސް ވަނީ ވިލިމާލެ، މާފަންނު، މައްޗަންގޯޅީ އަދި ހެންވޭރުގެ ރައްޔިތުންނާއި މިހާތަނަށް ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުންތަކުގައި ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވައި، ރައްޔިތުންގެ ޝަކުވާތައް ރައީސް ގެންދަވަނީ އަޑުއައްސަވަމުންނެވެ.
ރައީސް ޑރ. މުއިއްޒު ވެރިކަމުގެ ހުވާ ކުރެއްވުމަށް ފަހު އެމަނިކުފާނު ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން، އެ ރަށްރަށުގެ ރައްޔިތުންނާއި ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކާއި މުއައްސަސާތަކުގެ ވެރިންނާ ބައްދަލުކުރައްވައިފައެވެ.

































