މާލޭގެ ގެއެއްގެ ތަޅުންގަނޑުން ބަޔަކާއެކު މީހަކު އުނަގަނޑާ ހަމައަށް ގަނބައިގެންފި އެވެ.
ހޮނިހިރު ދުވަހުގެ މެންދުރު ފަހު މި ހާދިސާ ހިނގާފައިވަނީ މ. އޭޑީ ރީޑުގަ އެވެ. ހާދިސާ ހިނގަން މެދުވެރިވީ އެގޭގެ އިރަށް އޮތް ގޯތީގައި އިމާރާތް ކުރުމަށްޓަކައި ކޮނުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، ފަސްގަނޑު ދޫވެގެންނެވެ.
ގަނބައިގެން ދިޔަ ގޭގައި ތިން ގޭބިސީއަކަށް މީހުން ދިރިއުޅެ އެވެ. ގަނބައިގެން ދިޔައީ އެ ގޭގައި މީހުން ހިނގަން އޮންނަ ގޯޅިގަނޑުން ބައެކެވެ. އެ ވަޅުގަނޑަށް ވެއްޓުނު މީހާއަށް މާ ބޮޑު އަނިޔާއެއް ލިބިފައި ނުވާ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
މާލޭގައި އުސް އިމާރާތްތައް އެޅުމަށް ފުންކޮށް ކޮންނަމުންދާ އިރު، ޖެހިގެން ހުންނަ ގެތަކުގައި ރެނދުލުމާއި ބިންގަނޑު ދޫވުމުގެ ސަބަބުން ލިބޭ ގެއްލުންތަކަކީ މިހާރަކަށް އައިސް އާންމުކޮށް ފެންނަ މައްސަލައެކެވެ.

































