ޑޮކްޓަރ މުޙައްމަދު މުއިއްޒު ރައީސުލްޖުމުހޫރިއްޔާގެ މަޤާމާއި ޙަވާލުވެ ވަޑައިގެން، ދެއަހަރުގެ ތެރޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން އެރަށްރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ފަހު މިހާރު މިވަނީ އެމަނިކުފާނު މާލޭގެ ރައްޔިތުންނާ ބައްދަލުކުރައްވުމުގެ ސިލްސިލާ ޕްރޮގްރާމެއް ފައްޓަވާފައެވެ. މިގޮތުން އެންމެ ފަހުން އާދިއްތަ ދުވަހުގެ ރޭ ހެންވޭރުގެ ރައްޔިތުންނާ ބައްދަލު ކުރައްވާފައި ވެއެވެ. މިހާތަނަށް ގަލޮޅު ފިޔަވާ އަނެއް ތިންއަވަށާ ވިލިމާލޭގެ ރައްޔިތުންނާ ރައީސް ބައްދަލު ކުރައްވައިފިއެވެ.
ރައީސުލުޖުމުހޫރިއްޔާ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބާއްވަމުން ގެންދަވާ ސިލްސިލާ ބައްދަލުވުންތަކުން އަޑު އިވިގެން ދަނީ އެރައްޔިތުން އުފުލަމުން ދާ ވޭންތަކުގެ އަޑެވެ. ބޯހިޔާވަހި ކަމުގެ ދަތި ކަމުގެ ވާހަކަ އާއި ބޭސްފަރުވާއަށް ސަލާން ޖަހަން ޖެހޭ ވާހަކައާއި ސަރުކާރުގެ އިދާރާތަކަށް ހުށައަޅާ ސިޓީތަކަށް ޖަވާބެއް ނުލިބޭ ކަމުގެ ޝަކުވާތަކެވެ. ކޯޓުތަކުން މައްސަލަތައް ނިމުން ލަސްވެ އިންސާފު ލިބުން ލަސްވާ ވާހަކަ އާއި މާލޭގެ މަގުމަތީގެ ޙާލަތެވެ. ކޮންމެ ބައްދަލުވުމަކުން އަޑު އިވެނީ ގާތްގަޑަަކަށް އެއް ވާހަކަ ތަކެކެވެ. ރައްޔިތުން ދިރިއުޅެމުން ދާ ހިތްދަތި ދިރިއުޅުން ޤައުމުގެ އެންމެ މަތީ ވެރިޔާއަށް ރައްޔިތުން ހުށައަޅަމުން ދަނީ ހިތުގެ ފުންމިނުންނެވެ. ފޮރުވުމެއް ނެތިއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން ދުވާލެއްގެ މައްޗަށް 6000 ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރެއެވެ. ރާއްޖޭގެ މަތީ ފަންތީގެ ރިސޯޓްތަކުގައި އެތަކެއް ހާސް ބަޔަކު ޗުއްޓީ ހޭދަކޮށްލާ އުފާކުރަމުން ދާއިރު ދިވެހި ލޮބުވެތި ރައްޔިތުން އުޅެން ޖެހިފައި މިވަނީ ބޯހިޔާވަހި ކަމުން މަހުރޫމް ވެގެންނެވެ. ބޯހިޔާވަހިކަމަށް “ ސަލާމް ޖަހަމުން“ ސަރުކާރުގެ އިދާރާ ތަކަށް އާދޭސް ދަންނަވަމުން ހިނގާ އެތަކެއް މައިންނާއި އަނބި އެބަތިބިކަން ރައްޔިތުންގެ ބައްދަލުވުންތަކުން އެނގެއެވެ. މިއަދު ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތަކަކީ މިދިޔަ ދެއަހަރު ތެރޭގައި ދިމާވި މައްސަލަތަކެއް ނޫނެވެ. އެއްސަރުކާރަކުން ބޯހިޔާ ވަހިކަމުން ދެއްވާ ޕޮއިންޓް 90އަށް ވުރެ މަތި ވާއިރު އަނެއް ސަރުކާރަކުން ދެއްވާ ޕޮއިންޓް ހަމަ އެއާއިލާއަށް 30ވުރެވެސް ދަށްވެގެން ބޯހިޔާ ވަހިކަމުން މަހުރޫމު ވަމުން ދާ ކަމުގެ ޝަކުވާތައް އިއްވެމުން ދެއެވެ. ކުޑަކުޑަ ކޮޓަރިއެއްގައި ތިންކުދިންނާއި ދެމަފިރިން ދިރިއުޅުން ވޭތު ކުރަމުން ދާ ހިތްދަތި ދިރިއުޅުމެވެ. ބޮޑެތި ބަލިތައް ތަހައްމަލު ކުރަމުންދާ މީހުންނަށް ދިވެހި ރައްޔިތުންގެ ބޭސްފަރުވާގެ ނިޒާމުގެ ތެރެއަށް ވަނުމަށާއި ދައުލަތުގެ އެހީތެރި ކަމުގެ ތެރެއަށް ވަންނަން އެތައް ތަކުލީފެއް އުފުލަމުން ދާކަމުގެ ވޭނީ އަޑަކީ ރައްޔިތުންގެ ފޯރަމުތަކުން އިވެމުން ދާ ވާހަކަތަކެވެ. ތަކެތީގެ އަގު ބޮޑުވެ، ދިރިއުޅުމުގެ ޙާލަތުން ދައްވަމުން ދާ ވާހަކައެވެ. ފޯރަމްތަކުން އިވެމުންދާ ރައްޔިތުންގެ ޝުއޫރުތަކަށް ބަރޯސާވެ އެއްޗެއް ދަންނަވާ ނަމަ ދަންނަވަން ޖެހެނީ ރާއްޖޭގެ އިޖްތިމާޢީ އަދާލަތު އޮތި ވަރަށް ނިކަމެތިކޮށް ކަމަށެވެ. ސަރުކާރުގެ ނިޒާމުގެ ތެރެއިން ކަންކަން ހަމަ ޖެއްސުމަށް ޤަވާއިދުތަކާއި އުޞޫލުތައް ހުރިނަމަވެސް އެކަމެއް ހާސިލް ކުރުމަށް ނިކަމެތި މީހާއަށް އެތަކެއް ހުރަސްތަކެއް ހުރިކަމެވެ. ތަފާތު ކުރުންތަކެއް ހުރުމާއި އެކު ކަންކަން ޙަވާލުވެ ތިއްބަވާ އެކި ބޭފުޅުންގެ ދުރުމީން އެކިރައްޔިތުން ފެންނަނީ އެކިގޮތަށެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ އިޖުތިމާޢީ އަދާލަތު ވިއްސި ވިހާލި ވެފައި ވާކަމެވެ. މިސާލަކަށް ސަރުކާރުގެ އިދާރާއަކަށް ކަމަކަށް އެދި ސިޓީއެއް ހުށައެޅުމުން އެސިޓީގެ ޖަވާބެއް ނުދެއްވާ ވާނުވާއެއް ނޭގިގެން އެސިޓީގެ ޖަވާބު ހޯދުމަށް ރައީސުލްޖުމުހޫރިއްޔާއަށް ދަންނަވަން ޖެހުމަކީ ހިތާމަ ކުރަން ޖެހޭ ކަމެކެވެ. ސިއްޙީ އެހީތެރި ކަމެއް ހަމަ ނުޖެހިގެން، ދާއިރާގެ މެމްބަރު މެދުވެރިކޮށް ނުވަތަ ރައީސްއަށް ހުށައަޅާއިގެން އެހީ ހަމަ ޖެހޭ ނިޒާމެއް އޮންނަ ނަމަ، މިއަދު ދިވެހިން ބަލައިގެން ފައިވާ ނަލަނަލަ ޑިމޮކްރަސީގެ ފޮނި މީރު ކަމެއް ދިވެހިންނަށް ލިބޭ ބާވައެވެ.
މިއަދު ރައްޔިތުން އިއްވަމުން އެދަނީ އެރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތެވެ. މާދަމާއަށް ކުރެވޭ ފޮނި ފޮނި އުއްމީދުގައެއެވެ. ސަރުކާރުން ކޮންމެވެސް މިންވަރެއްގެ ތަސައްލީއެއް ހޯއްދަވައި ދެއްވާނެ ކަމުގެ ޔަޤީން ކަމުގައެވެ. ރައީސް ޑރ މުޙައްމަދު މުއިއްޒު ދެއްވާ ޔަޤީން ކަމަކީ ރައްޔިތުން އެދޭ ކަންތައްތައް ކޮށްދެއްވާނެ ކަމެވެ. އެމަނިކުފާނު ރައްޔިތުންގެ ޝަކުވާ އަޑުއައްސަވައިފިއެވެ. ހެޔޮ ބަދަލަކަށް އުއްމީދު ކުރަމެވެ.

































