ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ މަސައްކަތް ނިންމައި، މަޖިލިސް ޗުއްޓީއަށް ހިނގައްޖެއެވެ. މި ދައުރުގެ ފަހު ޖަލްސާ ބޭއްވީ މިއަދުއެވެ.
މިއަދުގެ ޖަލްސާ ނިންމާލުމުގެ ކުރިން މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވަނީ، މަޖިލީހުން ޗުއްޓީއަށް ދާކަން އިޢުލާނުކުރައްވައި، މި ދައުރުގައި ކުރި މަސައްކަތްތަކުގެ ތަފްސީލުތައް ހިއްސާކުރައްވައިފައެވެ.
މިއަދު ނިންމާލި ދައުރުގައި ބޭއްވި 28 ޖަލްސާގައި ޖުމްލަ 64 ގަޑިއިރު ހޭދަކުރިއެވެ. އެ ޖަލްސާތަކުގައި 15 ބިލެއްގެ މަސައްކަތް ވަނީ ނިންމައިފައެވެ. އެ ބިލުތައް ދިރާސާ ކުރުމަށާއި އެހެން މަސައްކަތްތައް ކުރުމަށް މަޖިލީހުގެ ކޮމިޓީތަކުން 142 ބައްދަލުވުމެއް ބާއްވާ 120 ގަޑިއިރު ހޭދަކުރިއެވެ.
މި ދައުރުގެ ތެރޭ މަޖިލީހުން ވަނީ ސަރުކާރުން ހުށަހެޅި 16 މައްސަލަ އާއި މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހެޅި ނުވަ މައްސަލައެއްގެ މަސައްކަތް ނިންމައިފައެވެ.
މިއަހަރުގެ 3 ދައުރުގެ މަތިން މަޖިލީހުން ވަނީ 87 ޖަލްސާއެއް ބާއްވާފައެވެ. އެއީ ގާތްގަނޑަކަށް 169 ގަޑިއިރުގެ މަސައްކަތެވެ. އޭގެ އިތުރުން މަޖިލީހުގެ އެކިއެކި ކޮމިޓީތަކުގައިވެސް ވަނީ ބިލުތަކާއި މައްސަލަތައް ދިރާސާކުރުމުގައި މުޙިއްމު މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން މިއަހަރުގެ ތެރޭގައި ޖުމުލަ 462 ކޮމިޓީ ބައްދަލުވުން ބާއްވާފައިވާއިރު، ކޮމިޓީ ބައްދަލުވުންތަކުގައި ގާތްގަނޑަކަށް 350 ގަޑިއިރު މެންބަރުން ހޭދަކޮށްފައިވެއެވެ.
މި ދައުރުގައި މަޖިލީހުން ފާސްކުރި ބިލުތަކުގެ ތެރޭގައި:
- ސްޕެޝަލް އިކޮނޮމިކް ޒޯނު (އެސްއީޒެޑު) ގެ ގާނޫނަށް ގެނެވުނު އިސްލާހު
- މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނަށް ގެނެވުނު އިސްލާހު
- ޓްރޭޑް މާކު ބިލު
- ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނަށް ގެނެވުނު އިސްލާހު
- އިމިގްރޭޝަންގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
- ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ބިލު
- ގާނޫނުއަސާސީއަށް ގެނެވުނު އިސްލާހު
- އިދާރީ ދާއިރާތައް ލާމަޒުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނެވުނު އިސްލާހު
- ދައުލަތުގެ ފިސްކަލް ޒިންމާގެ ގާނޫނަށް ގެނެވުނު އިސްލާހު
- ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
- ރައީސުލްޖުމްހުރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާ ބެހޭ ގާނޫނަށް ގެނެވުނު އިސްލާހު
- ޓޫރިޒަމާ ބެހޭ ގާނޫނަށް ގެނެވުނު އިސްލާހު
- ޒަކާތުގެ ބިލު
- މަސްތުވާތަކެއްޗާއި ބެހޭ ގާނޫނަށް ގެނެވުނު އިސްލާހު
- ލާމަރުކަޒީ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
- މޯލްޑިވްސް އިންޓަރލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ ބިލު
- ގޭންގު ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނު
މިއަހަރުގެ 3 ވަނަ ދައުރު ނޮވެންބަރު މަހުގެ ނިޔަލަށް ހަމަވި ނަމަވެސް، މުޙިއްމު ބިލްތަކެއްގެ މަސައްކަތް ނިންމުމަށްޓަކައި ޑިސެންބަރު މަހުގެ 3 ވަނަ ދުވަހާ ހަމައަށް މަޖިލީހުގެ ދައުރު ދިގުކުރިއެވެ.
މި ޗުއްޓީ ނިންމައި މަޖިލީހުން ދެން ޖަލްސާއެއް ބާއްވާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އެއީ ރައީސް މުޙައްމަދު މުޢިއްޒު، އެމަނިކުފާނުގެ ވެރިކަމުގެ ތިންވަނަ ރިޔާސީ ބަޔާން އިއްވުމަށް ބާއްވާ ޖަލްސާއެވެ.
މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން ކޮންމެ އަހަރަކުވެސް 3 ދައުރަކަށް ބަހާލައިގެން މަޖިލީހުގެ ޖަލްސާތައް ކުރިއަށްދާނެއެވެ. އެއީ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މެއި 15ގެ ނިޔަލަށް ކުރިއަށްދާ ފުރަތަމަ ދައުރުގެ ޖަލްސާތަކާއި، ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެން އޯގަސްޓް މަހުގެ 15ވަނަ ދުވަހާ ހަމައަށް ކުރިއަށްދާ ދެވަނަ ދައުރުގެ ޖަލްސާތައް އަދި އޮކްޓޯބަރު މަހުގެ 1އިން ފެށިގެން ނޮވެންބަރު މަހުގެ ނިޔަލަށް ކުރިއަށްދާ ތިންވަނަ ދައުރުގެ ޖަލްސާތަކެވެ.

































