މަސްތުވާތަކެއްޗާ ދެކޮޅަށް ކުރެވެމުންދާ މަސައްކަތްތަކުގައި ބޮޑު ބަދަލެއް އަންނާނެކަމުގެ ހެކިތައް ފެންނަމުންދާ ކަމަށާއި ޑްރަގް ރާއްޖެ އެތެރެކޮށް ވިޔަފާރިކުރާ ބޮޑުން އަތުލާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ވަޒީރު ވިދާޅުވީ، ކުދިކުދި ޑްރަގް ވިއްކާ މީހުން ޖަލަށްލާ ޒަމާނަކީ ފާއިތުވެފައިވާ ޒަމާނެއް ކަމަށާއި، ދެން އަމާޒު ހިފާނީ މި ކުށްތަކުގެ ފަހަތުގައިވާ ބޮޑެތި ޑީލަރުންނަށް ކަމަށެވެ. މިއީ މަސްތުވާތަކެތީގެ ނުރައްކަލުން ގައުމު ސަލާމަތް ކުރުމަށް ޓަކައި، ގައުމީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކަށް ލިބިގެންދާ އާ ހިތްވަރެއް ކަމަށް ވިދާޅުވިއެވެ.
މި ސްޓްރެޓެޖީގެ އެންމެ މުހިންމު އެއް ތަފާތަކީ މީހުން މައްސަލަތަކުން ރެކިގެންދާ ”ލޫޕް ހޯލްތައް“ ބަންދުކުރުން ކަމަށާއި، ކުރިން ގިނަ މައްސަލަތަކުގައި މީހުން ދެމިގަންނަ ގޮތްތައް ދިރާސާކޮށް، ގާނޫނަށް ބޭނުންވާ އިސްލާހީ ބަދަލުތައް ގެނެސްފައިވާ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. އަދި އިދާރީ މައްސަލަތަކާއި ތަހުގީގުގައި ހުންނަ ކުދިކުދި ލޫޕް ހޯލްތަކުން މީހުން ދެމިގަންނަ ކަން ފާހަގަކުރެވި، އެކަންކަން އިސްލާހު ކުރުމަށް ޓަކައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި ފުލުހުންނާ ވަރަށް ގާތުން މަސައްކަތްކުރަމުންދާކަން ފާހަގަކުރެއްވިއެވެ.
ހާއްސަކޮށް، މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކުގައި ވަރަށް ގާތުން މަސައްކަތްކުރެވޭ ކަމަށާއި، ފުލުހުންގެ ތެރޭގައި ވެސް ރިވިއު ކޮމިޓީތައް ހަދައިގެން ތަހުގީގުތައް ހަރުދަނާކުރަންޖެހޭ ދާއިރާތައް ފާހަގަކޮށް މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އިހުސާން މިހެން ވިދާޅުވީ، އިންސާފު ގާއިމުކުރުމުގެ ނިޒާމަށް އައިސްފައިވާ ކުރިއެރުންތަކާ ގުޅޭގޮތުން ދިން އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުންނެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި، މިހާރު ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުން ދަނީ ހެކިތަކަށް ނުފޫޒު ފޯރުވައި، ތަހުގީގުތަކަށް ހުރަސް އެޅަމުންނެވެ. ނަމަވެސް، މިފަދަ ހުރަސްތައް ގިރާކޮށް، ހަގީގީ ކުށްވެރިންގެ ފަހަތުން ދިޔުމުގެ އަމާޒު އާވެފައިވާ ކަމަށް އިހުސާން ވިދާޅުވިއެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުން ބޭނުންވާ ނަތީޖާ ހާސިލުކުރެވޭނެކަމުގެ ޔަގީންކަން ދެއްވަމުން އިހުސާން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެގުމުގެ ދަށުން ކްރިމިނަލް ކޯޓަށް އާ ޒަމާނީ އިމާރާތެއް ލިބިފައިވާ ކަމަށެވެ. އެ އާ އިމާރާތުގައި ބާރަ ކޯޓް ރޫމް ހެދިފައިވާތީ، ޝަރީއަތުގެ ކަންކަން ކުރިއަށް ގެންދެވޭނެ ގޮތް ވަރަށް ބޮޑަށް ފަސޭހަވެ، އަވަސްވެފައިވާ ކަމަށް ފާހަގަކުރެއްވިއެވެ.
އިހުސާންގެ ވާހަކަފުޅުގައި، އިންސާފު ގާއިމުކުރުމުގައި ކުރިން ހުރި ގިނަ ހުރަސްތައް މިހާރު ނައްތާލެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ޝަރީއަތުގެ މަރުހަލާތައް އަވަސްކޮށް، އިންސާފު ހޯދުމަށް ފަސޭހަ މަގެއް ފަހިވެފައިވާ ކަމަށް ވިދާޅުވެ، މަސްތުވާތަކެތީގެ މައްސަލަތައް ހައްލުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުން، އުންމީދީ ނަތީޖާއެއް ހާސިލުވާނެ ކަމަށް އިހުސާން ވަނީ ޔަގީންކަން ދެއްވާފައެވެ.

































