ރައީސް ޑރ މުހައްމަދު މުއިއްޒުގެ މި ސަރުކާރުން އަލަށް އެކުލަވާލި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ދަށުން މުޅި އަލަށް ދިވެހި މީޑިއާގެ ދަފްތަރު އެކުލަވާލައި އާންމުކޮށްފިއެވެ.
މިއީ ޤާނޫނު ނަންބަރު 2025/16 (މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނު) ގެ 45 (ސާޅީސް ފަހެއް) ވަނަ މާއްދާކަމުގައިވާ ނޫސް މަޖައްލާ ރަޖިސްޓަރީކޮށްގެން ޝާއިޢުކުރުން މާއްދާގެ (ށ) ގެ ދަށުން ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން ނެރޭ ނޫސް މަޖައްލާތަކާއި ބްރޯޑްކާސްޓުކުރާ ފަރާތްތަކާއި ވަސީލަތްތަކުގެ ދަފްތަރު އެކުލަވާލައި ބެލެހެއްޓުމަށް މޯލްޑިވްސް މީޑިއާ ކޮމިޝަނުން ލާޒިމްކުރާތީ އެކުލަވާލެވުނު ދަފްތަރެއް ކަމަށް އެ ކޮމިޝަނުން ބުނެއެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ދަށުން މުޅި އަލަށް ދިވެހި މީޑިއާގެ ދަފްތަރު އެކުލަވާލައި އާންމުކުރިއިރު، އޭގެ ތެރޭގައި 333 މީޑިއާއެއް ހިމެނެ އެވެ. އޭގެތެރޭގައި ހިމެނެނީ 258 އޮންލައިން ނިއުސް، 29 އޮންލައިން މެގަޒިން، 22 ޕްރިންޓް މެގަޒިން، 7 ޕްރިންޓް ނިއުސް، 4 އެކަޑަމިކް ޖާނަލް، 3 އޮންލައިން ނިއުސް ލެޓަރ ހިމެނެ އެވެ.
މި ދަފްތަރު އެކުލަވާލުމުގެ މައިގަނޑު މަގްސަދަކީ މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުން ރާއްޖޭގައި ހިންގާ ހުރިހާ މީޑިއާއެއްގެ ބަދަލުވެރި ފަރާތްކަމުގައި ވީ ހިނދު ރާޢްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ނޫސްމަޖައްލާތައް ދެނެގަތުމާއި ކަނޑައެޅޭ ނިޒާމެއްގެ ތެރެއިން ރާއްޖޭގެ މީޑިއާތައް ދަފްތަރުކޮށް މިހާތަނަށް ބެލެހެއްޓިފައި ނެތުމުގެ ސަބަބުން މިޑިއާތަކާ ގުޅޭ އެކިއެކި މައްސަލަތަކާއި މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި މޯލްޑިވްސް މީޑިއާ ކޮމިޝަނުން ނިންމަންޖެހޭ ކަންކަން ނިންމުމުގައި ކުރިމަތިވެފައިވާ ދަތިތައް ހައްލުކުރުން ކަމަށްވެސް މީޑިއާ ކޮމިޝަނުން ބުނެއެވެ.
ޖުމްލަ 333 މީޑިއާއެއްގެ މައުލޫމާތު މިވަގުތު އަދާހަމަކޮށްފައިވާ މި ދަފްތަރުގައި މީޑިއާގެ ނަމާއި، ބާވަތް އަދި ރަޖިސްޓްރީ ނަންބަރުގެ މައުލޫމާތު ވާނީ ހިމަނާފައި ކަމަށާއި ދަފްތަރު މިހާރު ސަރުކާރުގެ ގެޒެޓުން ފެންނަން ހުންނާނެ ކަމަށް މީޑިއާ ކޮމިޝަނުން ބުނެއެވެ.
މީޑިއާ ތަކުގެ ދަފްތަރު އެކުލަވާލުމުގެ ކުރިން މީޑިއާ ކޮމިޝަނުން އާންމުކުރި ގެޒެޓުގައި ބުނެފައިވަނީ ޤާނޫނު ނަންބަރު 2025/16 (މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނު) ގެ 45 ވަނަ މާއްދާ (ނޫސް މަޖައްލާ ރަޖިސްޓަރީކޮށްގެން ޝާއިޢުކުރުން) ގެ (ށ) ގައި މި ޤާނޫނުގެ ދަށުން ފުރަތަމަ ފަހަރަށް ކޮމިޝަން އެކުލަވާލުމަށްފަހު، 45 ދުވަހުގެ ތެރޭގައި، އެހިނދުން ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ނޫސް މަޖައްލާތަކުގެ ދަފްތަރެއް އެކުލަވާލައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންވާނެކަމުގައި ބަޔާންކޮށްފައިވާކަމަށެވެ.

































