ފަތުރުވެރިކަމުގެ ދާއިރާ އިން ލިބޭ ޑޮލަރުގެ ވަކި އިންސައްތައެއް ރާއްޖޭގެ ބޭންކުތަކަށް މާރު ކުރަން މަޖުބޫރުވާ ގޮތަށް ގާނޫނަށް ގެނައި ބަދަލާ ގުޅިގެން މިހާތަނަށް އައިއިރު، ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަނުން ބޭންކުތަކަށް 584 މިލިއަން ޑޮލަރު މާރުކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަ ކުރަން ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ އިގްތިސާދު ކުރިއަށް ގެންގޮސް، ރައްޔިތުން ބޭނުންވާ އުފާގަތިކަން، ކުރިއެރުން އަދި ތަރައްގީ ވެސް ފޯރުކޮށްދޭނެ ކަމަށެވެ. އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި ހުރީ އެންމެ ދެ މިލިއަން ޑޮލަރާއި 2.4 މިލިއަން ރުފިޔާ ކަމަށެވެ. ސަރުކާރަށް ދެ އަހަރުވާއިރު، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި ސޮވެރިން ޑިވެލޮޕްމަން ފަންޑުގައި 126 މިލިއަން ޑޮލަރު ހުންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ހަމައެއާއެކީގައި ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަނުން ބޭންކުތަކަށް ޑޮލަރު މާރު ކުރުމުގެ ގާނޫނު ތަންފީޒު ކުރަން ފަށައި ގަވައިދުގެ ދަށުން މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް 584 މިލިއަން ޑޮލަރު ބޭންކުތަށް މާރުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
”މީގެ ނަތީޖާއަކީ ގްރޮސް ރިޒާވްގައި އޮކްޓޯބަރު ނިމުނުއިރުގައި 866 މިލިއަން ޑޮލަރު އެބަހުރި. އަޅުގަނޑުމެން މި އަންނަނީ ކުރިން ފުނި ޖައްސާފައި ހުރި ބިލްތައް ވެސް ދައްކަމުން. އެ ވެސް ދައްކާ ނިންމަމުން މިދަނީ. ކުރީރޭ ދައްކާލިން އެރެއާ ހަމައަށް ދެއްކި އަދަދު. 440.3 މިލިއަން ރުފިޔާ ކުރީގެ ބިލްތައް ދައްކައިފީމޭ. 1،000 އެތައް ބަޔަކަށް. ކޮންމެ ދުވަހަކު ފައިސާ ދައްކަމުން މި ދަނީ އަޅުގަނޑުމެން. ފައިސާ ޗާޕެއް ނުކުރަން. ގާނޫނާއި ގަވައިދުގެ ތެރެއިނ ކުރަނީ.“ ރައީސް ވިދާޅުވިއެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވީ ވަރަށް ގިނަ ބައެއްގެ މުސާރަ ޕޭ ހަމަނައިޒް ކުރެވިފައިވާ ކަމަށާއި އެކަމާ ގުޅިގެން ކަންބޮޑުވުންތަކެއް ހުރި ކަން އެނގިވަޑައިގެންނެވި ކަމަށެވެ. އެ ކަންބޮޑުވުންތަކަށް ހައްލު ގެނެސްދެއްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
”ހުރިހާ އޮފީހަކާ ބައްދަލުކޮށްފި، ޕޭ ކޮމިޝަނުން. ވަރަށް ގިނަ ކަންބޮޑުވުންތައް، މުވައްޒަފުން ހެކި ވާނެ މިކަމަށް. އެންމެ ގިނަ ކަންބޮޑުވުން ހުރި ހުރިހާ ދިމާލެއް ހައްލުވެސް ވެއްޖެ. އިއްޔެ ހުރިހާ އެއްޗެއް ބަލާފައި ގަވައިދުގެ ތެރެއިން ގެނެވެން ހުރި ބަދަލުތައް ގެނައުމުން އިއްޔެއާ ހަމައަށް އެތައް ހާސް މުވައްޒަފުންގެ ކަންބޮޑުވުން ހައްލުވީ.“ ރައީސް ވިދާޅުވިއެވެ.
ފަތުރުވެރިކަމުގެ ސިނާއަތުން ލިބޭ ޑޮލަރު ރާއްޖޭގެ ބޭންކުތަކަށް މާރުކުރަން މަޖުބޫރުވާ ގޮތަށް ހެދީ ރާއްޖެއަށް ދިމާވެފައިވާ ޑޮލަރުގެ މައްސަލަ ހައްލު ކުރުމަށެވެ. އެކަމުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ރައްޔިތުންނަށް އިތުރު ފަސޭހަތަކެއް ލިބޭނެ ކަމަށް ރައީސް ޑރ. މުއިއްޒު ވަނީ ވިދާޅުވެފައެވެ.
ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން ޑޮލަރު މާރުކުރުމުގައި ”ކެޓެގަރީ އޭ“ ގައި ހިމެނޭ ރިސޯޓުތަކަށް ލިބޭ އިހުތިޔާރަކީ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރުން ނުވަތަ ކޮންމެ މަހެއްގެ ޖުމްލަ އާމްދަނީގެ %20 އަށްވާ ޑޮލަރު މާރުކުރުމެވެ. ”ކެޓެގަރީ ބީ“ ގެ ދަށުން ގެސްޓް ހައުސްތަކަށް ލިބޭ އިހްތިޔާރަކީ ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ ކޮންމެ މަހެއްގެ ޖުމްލަ އާމްދަނީގެ %20 އަށްވާ ޑޮލަރު މާރުކުރުމެވެ.
މި ބަދަލާއެކުގައި މި މަހުގެ 11 އިން ފެށިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑުތަކުން ރާއްޖެ އިން ބޭރުގެ ޕީއޯއެސް ޓާމިނަލްތަކުން ފައިސާ ދެއްކޭ އަދަދު 1،000 ޑޮލަރަށް އިތުރުވެފައިވެއެވެ. ރާއްޖެ އިން ބޭރުގައި ބީއެމްއެލްގެ ޑެބިޓް ކާޑުތަކުން ޕީއޯއެސް މެދުވެރިކޮށް ކުރިން ކެނޑުނީ 500 ޑޮލަރެވެ. އޭގެއިތުރުން ހަމަ އެ ތާރީހުން ފެށިގެން އެއާލައިންތަކުން ޓިކެޓް ގަތުމަށާއި، ރާއްޖެއިން ބޭރުގައި ހޮޓަލަށް ޑެބިޓް ކާޑުތަކުން ފައިސާ ދެއްކޭ އަދަދު 3،000 ޑޮލަރަށް ވަނީ އިތުރުވެފައެވެ. އަދި ބޭސްފަރުވާއަށް ހޮސްޕިޓަލަށް ދައްކަންޖެހޭ ފައިސާ ބޭންކުގައި އެދުމުން ޑެބިޓް ކާޑުން ހޮސްޕިޓަލަށް ފައިސާ ދެއްކޭނެ ގޮތްވެސް ހަމަޖެހިފައިވެއެވެ.

































