ލާމަރުކަޒީ ނިޒާމުގެ ތެރޭގައި އަތޮޅު ކައުންސިލްތައް ނޯންނަ ގޮތް ހެދުމަށްޓަކައި ގާނޫނުއަސާސީ އަށް ގެންނަންޖެހޭ އިސްލާހުތައް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލިހުގެ އާދިއްތަ ދުވަހުގެ ޖަލްސާ އަށް އެ ހުރިހާ އިސްލާހުތަކާ ގުޅޭ ބިލްތަކުތެ ފުރަތަމަ ކިޔުން އިއްވުން ވަނީ އެޖެންޑާ ކޮށްފަ އެވެ.
ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ ބަދަލުތަކުގައިވާ ގޮތުން ރަށުގެ އާބާދީ 2000 އަށް ވުރެ ކުޑަ ނަމަ އެ ރަށަކުން އިންތިހާބު ކުރާނީ އެންމެ ތިން ކައުންސިލަރުންނެވެ. މިހާރު އޮންނަ ގޮތަށް ފަސް ކައުންސިލަރުން ހޮވާނީ 2000 އަށް ވުރެ ބޮޑެތި އާބާދީތަކުންނެވެ.
ކައުންސިލުތަކުގައި އަންހެން މެންބަރުން ތިބުން ވެސް ބަދަލުގައި ލާޒިމު ކުރެ އެވެ. އެގޮތުން ތިން ކައުންސިލަރުން ހޮވާ ރަށްތަކުގައި މަދުވެގެން އެއް މެންބަރަކީ އަންހެނަކަށް ވާންޖެހެ އެވެ. އަދި ފަސް ކައުންސިލަރުން ހޮވާ ރަށްރަށުގައި ދެ ކައުންސިލަރުންނަކީ އަންހެނުންނަށް ވާންޖެހެ އެވެ.
އެ ބަދަލުތައް ގެނައި ނަމަވެސް މާލެ އާއި ފުވައްމުލަކުން އިންތިހާބު ކުރާނީ ރައްޔިތުންގެ މަޖިލީހުގައި އެ ސިޓީތަކުން މެންބަރުން އިންތިހާބު ކުރާ އަދަދަށެވެ. އެއީ ގާނޫނުގެ ދަށުން އިންތިހާބު ކުރަންޖެހޭ އަންހެން މެންބަރުން ހިމަނައިގެން ކަމަށް އިސްލާހުގައި ބުނެފައިވެ އެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުން ވެސް އިސްލާހުގައިވާ ގޮތުން އިންތިހާބު ކުރަންޖެހޭނީ ކައުންސިލާ އެއް އަދަދަކަށެވެ. ތިން ކައުންސިލަރުން ހޮވާ ރަށްރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގައި ވެސް ތިބޭނީ ތިން މެންބަރުންނެވެ.
އިސްލާހުތަކުގެ ތެރޭގައި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް އިތުރު ބާރު ލިބިދޭ މާއްދާތަކެއް ވެސް ހިމެނެ އެވެ. އެގޮތުން ކޮންމެ އިދާރީ ދާއިރާއެއްގައި އެލްޖީއޭގެ އޮފީސްތައް ހިންގުމުގެ ބާރު އިސްލާހުގެ ދަށުން އެ އިދާރާއަށް ލިބޭނެ އެވެ. އަދި ކައުންސިލްތަކުން ރަސްމީކޯށް ރިޕޯޓު ކުރަންޖެހޭ އަދި ޖަވާބުދާރީވާންޖެހޭ ފަރާތަކީ އެލްޖީއޭ ކަމަށް ވެސް ވަނީ އިސްލާހުގައި ކަނޑައަޅައިފަ އެވެ.
އަތޮޅު ކައުންސިލްތަކަކީ ލާމަރުކަޒީ ނިޒާމުގައި ބޭކާރު ފަށަލައެއްގެ ގޮތުގައި ސިފަ ކުރައްވައި، އަތޮޅު ކައުންސިލުތައް އުވާލަން ގާނޫނުއަސާސީ އިސްލާހުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ އޮގަސްޓު މަހު ވިދާޅުވެފަ އެވެ.
ރައީސް ވިދާޅުވެފައި ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ރައްޔިތުން ވޯޓުލާން ދާއިރު އަތޮޅު ކައުންސިލެއް ހޮވާކަށް ވޯޓެއް ލާކަށް ނުޖެހޭނެ ކަމަށެވެ.

































