އަންނަ ރޯދަ މަހު ވެސް ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން މަސްދަޅު ކޭސް ބަހަން ނިންމައިފިއެވެ.
މިކަން ހާމަކުރެއް ވީ ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު އެވެ.
މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވީ އަންނަ ރަމަޟާން މަހުވެސް މަސްދަޅު ކޭސް ބެހުން ކުރިއަށް ދާނެ ކަމަށެވެ. އެހެން ނަމަވެސް އެ މަސައްކަތަށް ޚަރަދުވާނެ ވަރާ ގުޅޭ ގޮތުން ތަފްސީލެއް ނުދެއްވަ އެވެ.
މިދިޔަ ރަމަޟާން މަހު ސަރުކާރުން ވަނީ ކޮންމެ ގޭބިސީއަކަށް ކޭހެއް ދޭ އުސޫލުން މަސްދަޅު ކޭސް ބަހައިފައެވެ. އެގޮތުން ރޯދަ ހަދިޔާގެ ގޮތުގައި ގޭބިސީތަކަށް ސަރުކާރުން ހަދިޔާކުރި މަސްދަޅު ކޭސް، 111،231 ގޭބީސީއަކުން ގެންގޮސްފައިވާ ކަމަށާއި، އެ މަސްދަޅުކޭސްތަކަށް 81 މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށް، ފިނޭންސް މިނިސްޓްރީން މިދިޔަ އޭޕްރިލް މަހު ބުންޏެވެ.
ދިވެހި ކޮންމެ ރައްޔިތަކަށް ރޯޯދަ ހަދިޔާގެ ގޮތުގައި މަސްދަޅު ކޭސް ދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ ސަރުކާރަށް އަހަރެއް ފުރުން ފާހަގަކުރުމަށް މިދިޔަ އަހަރުގެ ނޮވެންބަރު މަހު ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މަސްދަޅު ކޭސް ދިނުމުގެ އިތުރުން މިދިޔަ ރަމަޟާން މަހު ސަރުކާރުން ވަނީ ކަރަންޓާއި ފެން ބިލުތަކުން ރައްޔިތުންނަށް ޑިސްކައުންޓެއް ދީ، 82،000 ގޭބިސީއަކަށް 1.6 މިލިއަން ކިލޯގެ ކާޑުގެ ބާވަތްތައް ރަމަޟާން މަހާ ދިމާކޮށް ހިލޭ ފޯރުކޮށްދީފައެވެ.
އެހެން ނަމަވެސް ރަމަޟާން މަހަށް ފަހު ގެބިސީތަކަށް އައި ކަރަންޓު ބިލު ވަނީ ދެގުނަ އިތުރަށް ބޮޑު ކޮށްފައި ކަމަށް ގިނަ ރައްޔިތުން ބުނެފައިވެ އެވެ.

































