މަންމައަކު އޭނާގެ ފިރިހެން ދަރިފުޅަށް ޖިންސީ އަނިޔާކުރި މައްސަލައެއް ބަލަން ފަށައިފި އެވެ.
އޭނާ އެ އަމަލު ހިންގީ މަސްތުވެގެން ހުރެ ކަމަށް ވެ އެވެ.
ފުލުހުން ދެންމެ ބުނީ މާލެ ސަރަހައްދުގައި ކުޑަ ފިރިހެން ކުއްޖަކަށް އެ ކުއްޖާގެ މަންމަގެ ފަރާތުން ޖިސްމާނީ އަނިޔާ ދިނުމުގެ އިތުރުން މަސްތުވުމަށް ބަނގުރާ ބޭނުންކޮށްގެން ހުރެ އެ ކުއްޖާއަށް ޖިންސީ އަނިޔާ ދީފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މިދިޔަ މަހުގެ 28 ވަނަ ދުވަހު މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް އިން ފުލުހަށް ހުށައަޅާފައިވާ ކަމަށެވެ.
މި މައްސަލައިގެ ތުހުމަތު ކުރެވޭ 50 އަހަރުގެ އަންހެން މީހާ ކޯޓް އަމުރެއްގެ ދަށުން އިއްޔެ ވަނީ ހައްޔަރު ކޮށްފަ އެވެ. އެ އަންހެން މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

































