އެހެނިހެން ގައުމުތަކުން ބޭނުން ނުކޮށް ހުންނަ ހައްޖު ކޯޓާގެ ފުރުސަތުތައް ރާއްޖެއަށް ހޯދުމަށްޓަކައި ސައުދީ އަރަބިއްޔާއާއެކު މަޝްވަރާކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މީޑިއާތަކާ ހިއްސާކުރެއްވި މެސެޖެއްގައި ޝަހީމް އާދިއްތަ ދުވަހު ވިދާޅުވީ ގައުމުތަކަށް ކަނޑައަޅާފައި އޮންނަ ރަސްމީ ކޯޓާގެ އިތުރަށް، އިތުރު ކޯޓާ މިހާރު ނުދެއްވި ނަމަވެެސް، އެހެން ގައުމުތަކަށް ދީފައި ހުންނަ ކޯޓާގެ ތެރެއިން އެ ގައުމުތަކުން ބޭނުން ނުކޮށް ހުންނަ ކޯޓާގެ ފުރުސަތު ރާއްޖެއަށް ހޯދަން މަޝްވަރާކޮށްފައިވާ ކަމަށެވެ.
އަދި އެއީ ކޯޓާ އިތުރަށް ބޭނުންވާ ގައުމުތަކުން ބޭނުން ކުރެވޭ ގޮތައް ސައުދީއިން ކުރިއަށް ގެންދާ ’ހައްޖު މުބާޝިރު‘ އިނިޝިއޭޓިވް ކަމަށް ޝަހީމް ވިދާޅުވިއެވެ.
ސައުދީއާއެކު އެ މަޝްވަރާކުރުން ބާއްވާފައި ވަނީ ސައުދީގެ މިނިސްޓާ އޮފް ހައްޖު އެންޑް އުމްރާ ޑރ. ތައުފީޤު ރަބީޢުގެ ދައުވަތަކަށް މިނިސްޓަރު ޝަހީމް އެ ގައުމަށް މިވަގުތު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގައި އާދިއްތަ ދުވަހު ބޭއްވި ބައްދަލުވުމުގައެވެ.
ސައުދީ ސަރުކާރުން ހައްޖު ކޯޓާގެ ގޮތުގައި ރާއްޖެއަށް ދޫކުރަނީ 1،000 މީހުންގެ ކޯޓާއެކެވެ. އެ ކޯޓާގެ ދަށުން 850 މީހުންނަށް ކިޔޫ ތަރުތީބުން، ބަލި މީހުންގެ އެހީތެރިންނާއި ކައްކާއިން ހިމެނޭހެން އެހީތެރިންގެ ގޮތުގައި 100 މީހުން، އަދި ފަގީރުންގެ ލިސްޓުގައި ހިމެނިގެން ސަރުކާރުގެ ޚަރަދުގައި ދާ 50 މީހުންނަށް ހައްޖަށް ދެވެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި އެ ބައްދަލުކުރެއްވުމުގައި މިނިސްޓަރު ޝަހީމް ވަނީ، ހައްޖާއި އުމްރާގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށާއި، ދެ ހަރަމްފުޅަށް ޚިދުމަތްކުރުމުގައި ސައުދީގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ދުނިޔޭގެ ކަންކޮޅުތަކުން އަންނަ ހައްޖުވެރިންނަށް ކަންކަން ފަސޭހަކޮށްދެއްވުމަށް ވަލީ އަޙުދު މުޙައްމަދު ބިން ސަލްމާން ކުރައްވާ މަސައްކަތްޕުޅުތައް ފާހަގަކުރައްވައި އެކަމަށްވެސް ޝުކުރު އަދާކުރައްވާފައެވެ.
މީގެ އިތުރުން، ދިވެހި ހައްޖުވެރިންނަށް ދިމާވާ ދަތިތައް ހައްލު ކުރެއްވުމަށް ސައުދީގެ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާއިން އަބަދުވެސް ދެއްވާ އެހީތެރިކަން ޝަހީމް ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު މައްކާ ރޫޓު އިނީޝިއޭޓިވްގައި ދިވެހިރާއްޖެ ހިމަނުއްވައިދެއްވާ، ދިވެހި ހައްޖުވެރިންގެ ދަތުރަށް ބޮޑު ލުއިފަސޭހަކަމެއް ހޯދައިދެއްވިކަމަށްޓަކައި ޝަހީމް ވަނީ ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ސައުދީ ރަސްގެފާނާއި، ވަލީއަޙްދު އަދި ސައުދީ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.
މީގެ އިތުރުން، ސައުދީއާއެކު އޮންނަ އަޚުވަންތަ ގުޅުން އިތުރަށް ވަރުގަދަ ކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ބޮޑު އަހަމިއްޔަތުކަމެއް ދެއްވާ ކަމެއްކަމަށާއި، އެ ގުޅުން އަބަދުވެސް ވަރުގަދަ ކަމާއެކު ދެމިއޮންނާނެކަމަށް ވެސް މި ބައްދަލުކުރެއްވުމުގައި ޝަހީމް ވަނީ ވިދާޅުވެފައެވެ.
މި ދަތުރުގައި ރާއްޖެއާއި ސައުދީއާ ދެމެދު ވަނީ ހައްޖުގެ ޚިދުމަތާ ބެހޭ އެއްބަސްވުމެއްގައި ވެސް ސޮއިކޮށްފައެވެ.
ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ޝަހީމްއެވެ. ސައުދީގެ ފަރާތުން ސޮއިކުރެއްވީ ހައްޖާއި އުމްރާއާ ބެހޭ ވަޒީރު ޑރ. ތައުފީޤުއެވެ.
މި އެއްބަސްވުމުގައި ބަޔާންކޮށްފައި ވަނީ ކުރިއަށް އޮތް ހައްޖު މޫސުމުގައި ކަންކަން ކުރިއަށް ގެންދާނެ ގޮތުގެ އުސޫލުތައް ކަމަށް މިނިސްޓްރީން ބުންޏެވެ. އެގޮތުން ހައްޖުގެ ޚިދުމަތަށް ފައިސާދައްކާނެ ގޮތާއި، ދިވެހިރާއްޖެއިން ހައްޖުގެ ޚިދުމަތްދޭ ކުންފުނިން ޚިދުމަތް ދޭންޖެހޭނެ ގޮތާއި، ދިވެހި ހައްޖުވެރިންގެ ކަންކަން ބެލެހެއްޓުމަށް ހައްޖު މޫސުމުގައި ރާއްޖޭގެ ހައްޖު މިޝަން ގާއިމުކުރުން ފަދަ މުހިންމު ކަންކަންކަން ހިމެނޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ އެ އެއްބަސްވުމަކީ ކޮންމެ އަހަރަކުވެސް ސޮއިކުރާ އެއްބަސްވުމެއް ކަމަށެވެ.
އަންނަ އަހަރުގެ ހައްޖު ދުވަހަކީ މޭ މަހުގެ 25 ވަނަ ދުވަހެވެ.
ފާހަގަކުރެވޭ ގޮތުގައި، މި އަހަރު ހައްޖަށް ދިޔަ މީހުންނަށް ވަނީ ބޮޑެތި ލުއިތަކެއް ލިބިގެން ގޮސްފައެވެ. މައްކާ ރޫޓު އިނިޝިއޭޓިވްގައި ރާއްޖެ ހިމެނި، ޖިއްދާގެ އެއާޕޯޓްގެ އިމިގްރޭޝަންގައި ހައްޖުވެރިން މަޑުކުރަން ނުޖެހި ހޮޓަލަށް ދެވުމަށް ފަސޭހަވިއެވެ.

































