ރާއްޖޭގައި ހިންގާ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ފަސް އަހަރު ދުވަހަށް މަޑުޖައްސާލަން ޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ނަޝީދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުރިއަށް އޮތް އިންތިހާބުތަކުގެ ޝިއާރަކަށް ވާންވާނީ ”އިހަށް މަޑުކޮށްލާ“ ކަމަށެވެ. އަދި ރާއްޖޭގެ ވެރިކަމަށް ދެން ވަޑައިގަންނަވާ ރައީސެއްގެ ވައުދަކަށް ވެސް ވާން ޖެހޭނީ އެ ޝިއާރު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރާއްޖޭގައި ހިންގާފައިވާ އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކަކީ ދައުލަތުން ބޭރު ގައުމުތަކުން ބޮޑެތި ދަރަނި ނަގައިގެން ކުރާ މަސައްކަތްތަކަށް ވާތީ، ނަޝީދު ވިދާޅުވީ ކޮންކްރީޓަކީ ތަރައްގީ ނޫން ކަމަށާއި އެއީ ގިނަ ފަހަރަށް ދަރަނި ކަމަށެވެ.
ރާއްޖޭގައި ތަރައްގީގެ އެކި މަޝްރޫއުތައް ހިންގަން ދައުލަތުން ނަގާފައިވާ ބޭރުގެ ދަރަނި 149 ބިލިއަން ރުފިޔާއަށް އަރަ އެވެ. އަދި އޭގެ ތެރެއިން 16 ބިލިއަން ރުފިޔާގެ ދަރަނި އަންނަ އަހަރު އެކަނި ވެސް އަނބުރާ ދައްކަން ޖެހެ އެވެ.
”ތަރައްގީގެ ނަމުގައި ހިންގާ ހުރިހާ އުމްރާނީ މަސައްކަތް، ހަތަރު ފަސް އަހަރަށް ހުއްޓާލުން މުހިންމު،“ ގިނަ ޕާޓީ އެކުލެވޭ އިންތިޚާބުން 2008ވަނަ އަހަރު ވެރިކަން ކާމިޔާބު ކުރެއްވި ފުރަތަމަ ރައީސް ނަޝީދު ވިދާޅުވިއެވެ.
ދެން އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމުގެ އިޝާރާތެއް ދެއްވާފައިވާ ނަޝީދު ވިދާޅުވީ ރައްޔިތުންގެ ތަނަވަސްކަން އިތުރު ކުރެވޭނީ ދައުލަތުގެ ބަޖެޓް ސަލާމަތްކޮށް، ރިޒާވް އިތުރުކޮށް އަދި ދަރަނި ކުޑަކުރެވިގެން ކަމަށެވެ.
ދިވެހިންނަކީ ތަންދޮރު ދަންނަ ބަޔަކަށް ވާތީ، ގައުމަށް މިހާރު ވަމުންދާ ގޮތާއި އެމަނިކުފާނު ދައްކާ ވާހަކަ ވެސް ވަރަށް ރަނގަޅަށް ދިވެހިންނަށް ފަހުމުވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ސަރުކާރުން ކައިރިކައިރީގައި އެއާޕޯޓުތައް އަޅަން ހަވާލުކުރަމުން ދާތީ ނަޝީދު ވަނީ އެކަމަށް ވެސް އިއްޔެ ފާޑު ވިދާޅުވެފަ އެވެ. ނަޝީދު ވިދާޅުވި ގޮތުގައި އެއީ އިގްތިސާދީ ގޮތުން ދެކޮޅު ޖެހޭ ކަމެއް ނޫނެވެ. އަދި އޭގެ ސަބަބުން ގައުމީ އެއާލައިނަށް ”ދެއުޅިއެއް ނުވާ“ ހަރަދުތަކެއް ކުރަންޖެހޭ ކަމަށް އެމަނިކުފާނު ފާހަގަ ކުރައްވާފައި ވެއެވެ.

































