އއ. ބޮޑުފޮޅުދޫ ކައުންސިލްގެ ދައުވަތަކަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު މިއަދު ބޮޑުފުޅާދޫ އަށް ވަޑައިގަންނަވައިފިއެވެ. އެމަނިކުފާނަށް ބޮޑުފުޅަދޫ އިން ވަނީ ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.
ރައީސް ސާލިހަށް މަރުހަބާ ދެންނެވުމަށް ގިނަ އަދަދެއްގެ ރައްޔިތުންތަކެއް ވަނީ އެރަށު ބަނދަރު ސަރަހައްދަށް ޖަމާވެފައެވެ. ރައީސް ޞާލިހަށް މަރުހަބާ ދެންނެވުމުގައި ބޮޑުފޮޅުދޫ ރަށުކައުންސިލުގެ މެމްބަރުން އަދި މުއައްސަސާތަކުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.
ރައީސް ސާލިހް އަށް މަރުހަބާ ދެންނެވުމަށް ރަށުގެ ބަނދަރުމަތީގައި ގިޑިގެ ހަދާ، ދިދަފަތި ތަކުން ޒީނަތްތެރި ކޮށް މަރުހަބާގެ ލަވަތައް ހުރީ ޖަހާފައެވެ.
މައުލޫމާތު ލިބިފައިވާގޮތުން މިދަތުރުފުޅުގައި، ބޮޑުފޮޅުދޫ ކައުންސިލްގެ ފަރާތުން ރައީސް ޞާލިހުގެ ވެރިކަމުގައި ބޮޑުފޮޅުދޫއަށް ގެނެސްދީފައިވާ ތަރައްގީގެ އަގު ވަޒަންކުރުމުގެ ގޮތުން ޚާއްސާ އެވޯޑެއް ދެއްވުމަށް ހަމަޖެހިފައިވެއެވެ.

ރައީސް ޞާލިހުގެ ސަރުކާރުގައި ވަނީ ބޮޑުފޮޅުދޫގައި ތަރައްގީގެ ގިނަ މަޝްރޫއު ތަކެއް ކުރިޔަށް ގެންގޮސްފައެވެ. މިގޮތުން ބޮޑުފޮޅުދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ފެއްޓެވުމާއި، 300 މީހުންގެ ޖާގައިގެ މިސްކިތެއް އެޅުމާއި ސިއްހީ މަރުކަޒުގައި ލެބޯޓަރީގެ ހިދުމަތް ގާއިމް ކުރުން ހިމެނެއެވެ.
ބޮޑޮފޮޅުދޫގައި ރައީސް ޞާލިހުގެ ސަރުކާރުން ކުރެއްވި އެންމެ މުހިންމު ކަމެއްގެ ގޮތުގައު އެރަށު ރައްޔިތުން ފާހަގަކުރާ ކަމަކީ ރަށުގެ ބިން ހިއްކުމެވެ. ބިން ހިއްކުމާއެކު، ތިރީހަކަށް އަހަރަށްފަހު ބޮޑޮފޮޅުދޫ ރައްޔިތުން އަމިއްލަ ރަށުން ގޯތި ލިބުމަށްއެދި ދެކެމުން އައި ހުވަފެން ވަނީ ހަގީގަތަކަށްވެފައެވެ.

ރައީސް ޞާލިހުގެ މިދުތުރުފުޅު ގުޅިފައިވަނީ، ބޮޑުފޮޅުދޫގެ އެމްޑީޕީ މެމްބަރުންގެ ދައުވަތަކަށް ރައީސް ޞާލިހް ކުރައްވާ ދަތުރުފެއްގެ ގޮތުގައެވެ. ބޮޑުފޮޅުދޫއަށް އަށް ރައީސް ޞާލިޙު ކުރައްވާ މި ދަތުރުފުގައި އެމަނިކުފާނުގެ އަރިހުގައި ކުރީގެ އެންވަޔަރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާގެ އިތުރުން، އަލިފުށީ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު ރަޝީދު ޙުސެއިން (ބިގޭ) ވެސް ބައިވެރިވެ ވަޑައިގަންނަވަ އެވެ.
މިދަތުރުފުޅުގައި ރައީސް ޞާލިހު، ބޮޑުފޮޅުދޫގެ އެމްޑީޕީ މެމްބަރުންނާއި ބައްދަލުކުރައްވަން ހަމަޖެހިފައިވެއެވެ. އަދި ބޮޑުފޮޅުދޫގެ އިސްރައްވެހިންނާއި ޚާއްސަ އެހީއާއި ރައްކާތެރިކަމަށް ބޭނުންވާ ފަރާތްތަކަށް ރައީސް ޞާލިހުގެ މި ދަތުރުފުޅުގައި ޒިޔާރަތް ކުރެއްވުމަށްވެސް ހަމަޖެހިފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ޞާލިހު ބޮޑުފޮޅުދޫ އަށް ކުރައްވާ ދަތުރުފުޅު ނިންމާލެއްވުމަށްފަހު މާލެ ވަޑައިގަންނަން ހަމަޖެހިފައިވަނީ ހުކުރު ދުވަހުއެވެ.

































