ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑު (ސްޓެލްކޯ)ގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުން ހުސައިން ފަހުމީ ވަކިކޮށް، އެ މަގާމަށް މިފްކޯގެ ސީއީއޯކަމުން މިދިޔަ އަހަރު ވަކިކުރި އަހްމަދު ޝަމާހު ރަޝީދު އައްޔަންކުރައްވައިފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ކުރި އިއުލާނެއްގައި ވިދާޅުވީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މ. ފަތަޙަ، ހުސެއިން ފަހުމީ ވަކިކޮށް، އެ މަގާމަށް މ. ސިސްކިން، އަހްމަދު ޝަމާޙް ރަޝީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
ފަހުމީ އެ މަގާމުން ވަކިކުރެއްވި ސަބަބުން ޕީސީބީން ހާމައެއް ނުކުރައްވައެވެ.
ހުސެއިން ފަހުމީއަކީ ސްޓެލްކޯގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އެގޮތުން، ސްޓެލްކޯއާ ފަހުމީ ގުޅިވަޑައިގަތީ 1988 ވަނަ އަހަރުއެވެ. އެންމެ ފުރަތަމަ ފަހުމީ ސްޓެލްކޯ އާއި ގުޅިވަޑައިގަތީ ޓްރެއިނީއެއްގެ ގޮތުގައެވެ. އެއަށް ފަހު ހުންނެވީ ޖެނެރަލް މެނޭޖަރެއްގެ މަގާމުގައެވެ. އަދި އެއަށްފަހު މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމަށް ވަޑައިގެންނެވިއެވެ.
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަގާމަށް ހުސެއިން ފަހުމީ އައްޔަނުކުރެއްވީ 2023ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 28ވަނަ ދުވަހުއެވެ.

































