ޝަރުއީ ދާއިރާގައި މަސައްކަތްކުރާ އަންހެން މުވައްޒަފުން މޫނު ބުރުގާ އެޅުން ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިއަދުން ފެށިގެން ހުއްދަ ކޮށްފި އެވެ.
އެ އިދާރާ އިން ނެރުނު ސާކިއުލާއެއްގައި ވަނީ ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011 ގެ ދަށުން ހެދުން އެޅުމާ ގުޅޭ އުސޫލު ބަޔާން ކޮށްފައިވާ 129 މާއްދާ އިސްލާހުކޮށްފައި ކަމަށެވެ.
129ވަނަ މާއްދާ އިސްލާޙުގައި ވާ ގޮތުން ޝަރުއީ ދާއިރާގެ މުވައްޒަފުން މޫނު ބުރުގާ އެޅުމަށް އެއްވެސް ހުރަހެއް ނެތެވެ. ނަމަވެސް މަސައްކަތުގެ މާހައުލުގައި އުޅޭއިރު، މޫނުބުރުގާ އަޅައިގެން އުޅޭ މީހާއަކީ ކާކުކަން ކަށަވަރު ކުރަން ޖެހިއްޖެ ނަމަ އެ މުވައްޒަފެއްގެ މޫނު، ކޯޓު ނުވަތަ އިދާރާގެ ކަމާބެހޭ އަންހެން މުވައްޒަފަކަށް ދައްކަން ވާނެ ކަމަށް ގަވާއިދަށް ގެނައި އިސްލާހުގައި ވެ އެވެ.
އެ އިސްލާހާ އެއްގޮތަށް މިއަދުން ފެށިގެން ކޯޓުތަކާއި އިދާރާތަކުން އަމަލުކުރުމަށް ޑީޖޭއޭ އިން ވަނީ އަންގައިފަ އެވެ.

































