މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ޗެއާމަން އަދި ރާއްޖެއަށް ފަތުވެރިކަން ތަޢާރަފު ކުރެއްވުމުގެ އެއްބާނީ ކަމަށްވާ ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތުގެ ވެރިޔާ ކޮލިގޭ މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު)ގެ އެންމެ ފަހު އުންމިދަކީ މިސްކިތެއް ބިނާކުރުން ކަމަށާއި އެކަމަށް ހުޅުމާލެއިން ޖާގަ ހަމަޖައްސާފައިވާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޑރ ޝަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމްޔޫ މަނިކަކީ ދީނީ އިޖްތިމާއީ ތައުލީމީ ކަންތައްތަކާއި މީހުން ބިނާކުރެއްވުމަށް ވަރަށް ބޮޑު އަހައްމިއަޔަތުކަމެއް ދެއްވި ބޭފުޅެއް ކަމަށެވެ. އަދި މިސްކިތްތައް ބިނާކުރެއްވުމާއި މަރާމާތު ކުރެއްވުމަށް އެހީތެރިކަން ދެއްވި ބޭފުޅެއް ކަމަށެވެ.
”އެމަނިކުފާނު އަވަހާރިވި އާލާސްކަންފުޅާ ގުޅިގެން ސިންގަޕޫރަށް ފުރުއްވުމުގެ ކުރިން ވެސް ހުޅުމާލެ ސަރަހައްދުގައި ބޮޑު މިސްކިތެއް ބިނާކުރެއްވުމަށް ސިޓީއެއް މިނިސްޓްރީ އަށް ފޮނުއްވާފައިވޭ. އެމަނިކުފާނުގެ ހަޔާތުގެ އެންމެ ފަހުގެ އުންމީދަކީ ވެސް މިސްކިތެއް ބިނާކުރެއްވުން.“ މިނިސްޓަރ ޑރ ޝަހީމް ވިދާޅުވިއެވެ.
އަދި ސިޓީ އެއް ފޮނުއްވުމުގެ އިތުރުން ބޭފުޅަކު ފޮނުއްވައި އެއީ ވަރަށް ބޮޑަށް ބޭނުންފުޅުވާކަމެއްކަމަށާއި ވީ އެންމެ އަވަހަކަށް މިސްކިތް އެޅުމަށް ޖާގައެއް ހަމަ ޖައްސަވައި ދެއްވުމަށް އެދި ލައްވާފައި ކަމަށް މިނިސްޓަރ ވިދާޅުވެފައި ވެއެވެ.
މިނިސްޓަރ ޑރ ޝަހީމް ވިދާޅުވީ މިސްކިތް އެޅުމަށް ޖާގައެއް ހުޅުމާލެ ސަރަހައްދުގައި ހަމަޖައްސާފައިވާ ކަމަށެވެ.

































