ބަނގުރާ ފުޅިތަކެއް ގެންގުޅުނު މައްސަލައާ ގުޅިގެން 57 އަހަރުގެ މީހެއް ހުޅުމާލެ ފޭސް 1 އިން މިއަދު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ތ. ގާދިއްފުށި / ނީލާއާކާސް، ޢަލީމަނިކު (57އ) އެވެ. މީނާ ހައްޔަރުކޮށްފައިވަނީ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހުޅުމާލެ ފޭސް 1 ގެ ފުލުހުން މިއަދު ހިންގި އޮޕަރޭޝަނުގައެވެ.

ފުލުހުން ހިންގި މި އޮޕަރޭޝަނުގައި، ހުޅުމާލެ ފޭސް 1 ބޯގަންވިލާ މަގުން އޭނާ ދުއްވި ޕިކަޕު ހުއްޓުވައި ބަލައިފާސްކުރިއިރު 14 ފުޅި ބަނގުރާ ފެނިފައިވެއެވެ. އަދި އޭނާ ލައިގެންހުރި އަންނައުނު ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

































