މަލްޓިޕާޓީ ޑިމޮކްރަސީ އެކު ކޮންމެ ފަސްއަހަރަކުން ސަރުކާރުތައް ބަދަލުވެ ސިޔާސަތާއި ހިންގުން ބަދަލުވެގެން ދެއެވެ. ކޮންމެ ސަރުކާރެއް އައި ނަމަވެސް ކޮންމެ ސިޔާސަތެއް ކަމަށްވިޔަސް އެސިޔާސަތުތައް ތަންފީޒުކޮށް ސަރުކާރު ހިންގުމުގައި އެހީތެރިވެ ދިނުމުގެ ބުރަ މަސައްކަތް ކުރަމުން ދާ ބަޔަކީ ސިވިލް ސާރވަންޓުންނެވެ. ޤަބޫލު ކުރަން ޖެހޭ ހަޤީޤަތަކީ ދައުލަތުގެ ތިންބާރުގައި ހިމެނޭ މުއައްޒަފުންނާ އަޅާ ބަލާއިރު އެންމެ ކުޑަ މުސާރާގައި މަސައްކަތްކަތް ކުރަމުން ދަނީ ސިވިލް ސާރވަޓުން ކަމެވެ މިނިވަން މުއައްސާސާ ތަކާއި ކޮމިޝަންތަކުގައި މަސައްކަތް ކުރާ މުއައްޒަފުން، އަދި ދައުލަތުގެ ތިންބާރުގެ މުއައްޒަފުންގެ މެދުގައި މުސާރަ ފަރަގު އިންތިހާއަށް ބޮޑުކަން ފާހަގަ ކުރެވެއެވެ. އެފަރަގު ކުޑަ ކުރުމަށް ކަމާގުޅުން ހުރި އިދާރާތަކުން މަސައްކަތް ކުރައްވަމުން ދާކަން ދޭތެރެ ދޭތެރެއިން މީޑިއާއަށް ތިލަވެއެވެ.
މިއަހަރުގެ ޖުލައި މަހު ”އަހަރު މެދު މުރާޖާ“ގެ ނަމުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން އިސްނަގައިގެން ކުރިއަށްގެންދިޔަ ބައްދަލުވުން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސިވިލް ސާރވިސްކޮމިޝަންގެ ރައީސް މުޙައްމަދު ނާޞީހް ވިދާޅުވެފައި ވަނީ ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުކުރުމަށްވެސް މިހާރު ގިނަ މަސައްކަތްތަކެއް ކުރައްވާ ކަމަށެވެ. އެ ގޮތުން ޕޭ ކޮމިޝަނާ ބައްދަލުކޮށް، ޕޭ ކޮމިޝަނުން އެކިއެކި ވުޒާރާތަކާ މިހާރު ބައްދަލުކުރަމުންދާކަމަށް ވެސް އެބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސިވިލްސާރވިސް ކޮމިޝަންގެ ރައީސް ވިދާޅުވެފައި ވެއެވެ. އަދި މިއަހަރުގެ ތެރޭގައި ހުރިހާ ސިވިލް ސަރވަންޓުންގެ މުސާރަ ބޮޑުވާނެކަމަށް ރައީސް އިޢުލާންކުރައްވާފައިވާތީ އެކަމުގެ މަޝްވަރާތައް ވަރަށް ފުޅާ ދާއިރާއެއްގައި ކުރެވެމުންދާކަމަށް ސީއެސްސީގެ ރައީސް ވިދާޅުވެފައި ވެއެވެ. އަދި ސިވިލްސާރވިސް މުއައްޒަފުންގެ މުސާރަ މިއަހަރު ބޮޑުވާނެ ކަމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު މިއަހަރުގެ ފެބްރުއަރީ މަހުގެ 6ވަނަ ދުވަހު ވިދާޅުވެފައި ވެއެވެ. ސަރުކާރުން މިއަހަރުގެ ބަޖެޓު ހުށައެޅިއިރު، ޕޭ ހަމަނައިޒޭޝަންއަށް ނުވަތަ އެކި ދާއިރާތަކުން މުސާރަ އެއް ހަމަކުރުމަށް 500 މިލިޔަން ރުފިޔާ ވަނީ ހިމަނާފައެވެ. މިގޮތުން މުސާރަ ބޮޑުކުރެވޭ ދާއިރާތަކުގެ ތެރޭގައި ސިވިލް ސަރވިސް ހިމެނޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.
މިއަދުގެ ބާޒާރުގައި ތަކެތީގެ އަގު ހުރީ މީގެ ހައެއްކަ މަހާ، އަޅާ ބަލާއިރު ވަރަށް ބޮޑުތަނުން ބޮޑުވެފައިވެއެވެ. ތަކެތީ އަގު ބޮޑުވެ ލިބޭ މުސާރައިން ދެކޮޅުނުޖެހޭތީ، އޮފީސް ނިންމުމަށްފަހު ހަވީރާ އާއި ރޭގަނޑު މުއައްޒަފުންނަށް ޖެހެނީ ކޮންމެވެސް ތަނެއްގައި ޕާރޓްޓައިމް ވަޒީފާއެއް އަދާ ކުރާށެވެ. ގާތްގަޑަކަށް މަހަކު 5000ރުފިޔާ ހޯދުމަށް ޕާރޓްޓައިމަށް އަމިއްލަތަނެއްގައި މަސައްކަތްކޮށްފައި، އަނެއް ދުވަހު ރަސްމީ ވަޒީފާ އަދާކުރާ އޮފީހަށް ސަލާމް ބުނަން އޮންނަނީ މަޖުބޫރު ވެފައެވެ. ވަރުބަލިކަމާއި ރަގަޅަށް ނިދި ނުލިބުމުގެ ސަބަބުން އިތުރަށް އޮފީހަށް ދިއުމަށް ހިތްވަރެއް ނުހުރެއެވެ. ނުވަތަ އޮފީހަށް ދިޔަ ނަމަވެސް ކުރީ ދުވަހު އުޅެން ޖެހުނު ބުރަކަމުގެ ސަބަބުން އޮފީހުގެ މަސައްކަތުގައި އެންމެ ރަގަޅަށް ޙަރަކާތްތެރި ވުމަކީ ދަތި ކަމަކަށް ވެއެވެ. މުއައްޒަފުންގެ މަސައްކަތުގެ ފެންވަރު ރަގަޅު ވެގެން ދާނީ އެކަށީގެންވާ މުސާރައެއް ލިބިގެންނެވެ. އަބުރުވެރި ދިރުއުޅުމެއް އުޅޭވޭނީ އެކަށީގެންވާ އާމްދަނީއެއް ލިބިގެންނެވެ. ހަމަ އެކަނީ މުއައްޒަފުން އަމަލު ކުރާނެ އުޞޫލުތަކާއި ހަމަތައް އެކި އެކި އެންގުންތަކާއި އަމުރު ތަކުން އެންގި ނަމަވެސް މުއައްޒަފުން މަސައްކަތަށް ދޭންވާ ސަމާލުކަން ދިނުމުގެ އެންމެ ބޮޑު ބާރަކަށް ވާނީ އެކަށީގެންވާ މުސާރައެވެ. ސަރުކާރުގެ އިދާރާތަކުގައި އޮންނަ އޯވަރ ޓައިމްއަށް މަސައްކަތް ކުރުމުގެ ޘަޤާފަތް، ކުޑަ ކުރެވޭނީ އެކަށީގެންވާ މުސާރައެއް ދެވިގެންނެވެ.
ސީވިލް ސާރވަންޓްގެ މުސާރަ ބޮޑުވާނެ ކަމަށް ދޭތެރެ ދޭތެރެއިން އެކިބޭފުޅުން ވިދާޅުވަމުން ގެންދަވާތީ އެންމެ ކުޑަ މުސާރާއަށް މަސައްކަތް ކުރައްވަމުން ސިވިލް ސާރވަންޓުންގެ ހިތަށް ފިނިކަމެއް ލިބުނު ނަމަވެސް މުސާރަ ބޮޑު ވާނެ ދުވަހެއް ވަގުތެއް ނުވަތަ އިރެއްގެ އެއްވެސް ކުލައެއްގެ ސިގުނަލެއް ލިބިފައި ނެތުމުގެ ސަބަބުން ވިހިހާހަށް ވުރެ ގިނަ މުއައްޒަފުންގެ ހިތަށް ކޮށްފައިވާ އަސަރު ބޮޑެވެ. މިއަހަރުގެ މެދު ފަހަނަ އަޅާ ފަހުބަޔަށް އަޅާފައި ވާއިރު މިއަހަރު މުސާރަ ބޮޑުވާނެ ކަމުގެ އިންތިޒާރުގައި ތިބުން ނޫން ގޮތެއް ނެތެވެ. މިއަހަރު ފަހު މަސް ކަމަށްވާ ޑިސެމްބަރ މަހު މުސާރައަށް ބަދަލު އައި ނަމަވެސް މިއަހަރު މުސާރަ ބޮޑުވީކަމަށް ބެލުމުގެ ފުރުޞަތު އެބައޮތެވެ. މުއައްޒަފުންނަށް އޮތީ އިންތިޒާރު ކުރުމެވެ.

































