ދިވެހިރާއްޖެ އާއި ޕާކިސްތާނުގެ ގުޅުން އިތުރަށް ބަދަހިވެގެން ދިޔުމަށް އެދޭ ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު މުހައްމަދު ޝާހްބާޒް ޝަރީފް ވިދާޅުވެއްޖެއެވެ.
އޮގަސްޓް 14 ވަނަ ދުވަހަކީ ޕާކިސްތާނުގެ މިނިވަން ދުވަހެވެ. އެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ، މުހައްމަދު މުއިއްޒު ވަނީ އެ ގައުމުގެ ރައީސް އާސިފް އަލީ ޒަރްދާރީ އާއި ބޮޑުވަޒީރު ޝާހްބާޒާައި ސަރުކާރާއި އަދި އިސްލާމިކް ރިޕަބްލިކް އޮފް ޕާކިސްތާންގެ ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮ އެދުންތައް ފޮނުއްވަ، އެކްސްގައި ޕޯސްޓެއް ކުރައްވަފައެވެ. އެ ޕޯސްޓްގައި ވަނީ ދެގައުމުގެ މެދުގައި ބަދަހިވަމުންދާ ގުޅުން އިތުރަށް ހަރުދަނާ ކުރުމުގައި ރާއްޖެއިން މަސައްކަތްކުރައްވާނޭކަމަށް ވިދާޅުވެފައެވެ.
އެ ޕޯސްޓާއި ގުޅިގެން ޕާކިސްތާނުގެ ބޮޑުވަޒީރު ޝާހްބާޒް ވިދާޅުވީ، ޕާކިސްތާނާއި ރާއްޖެއާ ދެމެދު އޮތް އެކުވެރިކަމާއި އުހުއްވަތްތެރިކަން ހަގީގަތުގައި ވެސް ދައްކުވައިދޭ ހޫނު ތަހުނިޔާއަށް ޝުކުރު ދަންނަވާ ކަމަށެވެ.ބޮޑުވަޒީރުގެ ޕޯސްޓްގައި ވިދާޅުވީ “ އަޅުގަނޑު ވަރަށް އިހްލާސްތެރިކަމާއެކު އެދެނީ، ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ދިޔުން،“. އެވެ.

































