”ގެދޮރުވެރިޔާ“ ސްކީމްގެ ދަށުން އެމްޑީޕީގެ ސަރުކާރުން އެޅި 4،000 ފްލެޓުގެ ކުލި ކުރިން ކަނޑައަޅާފައިވާ އަގަށް ކުޑަކޮށްދިނުމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙު މިއަދު ގޮވާލައްވައިފިއެވެ.
ކުރީގެ ރައީސް ޞާލިޙުގެ އޮފީހުން މިކަންހާމަކޮށް މިއަދު ނެރެފައިވާ ނޫސް ބަޔާން ހިއްސާކޮށްފައިވަނީ، ރައީސް ޞާލިޙުގެ ރަސްމީ އެކްސް އެކައުންޓުގައި ޕޯސްޓުގައެވެ، އެޕޯސްޓުގައި ވަނީ، އެމްޑީޕީގެ ސަރުކާރުގައި ނިންމާފައި ވަނީ ތިން ކޮޓަރީގެ ފްލެޓެއްގެ ކުއްޔަށް މަހަކު 8,000 ރުފިޔާ އާއި ދެ ކޮޓަރީގެ ފްލެޓެއްގެ ކުއްޔަށް މަހަކު 6,000 ރުފިޔާ ނެގުމަށް ކަމަށެވެ.
ނަމަވެސް މި ސަރުކާރުން ފްލެޓްތަކުގެ އެޑްވާންސް ފީއެއްގެ ގޮތުގައި ތިން ކޮޓަރީގެ ފްލެޓްތަކުން 25,000 ރުފިޔާ އަދި ދެ ކޮޓަރީގެ ފްލެޓްތަކަށް 15,000 ރުފިޔާގެ ނަގަން ނިންމާފައިވާ ނިންމުމަކީ ދަތިހާލުގައި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އޮތް ބޮޑު ތަކުލީފެއް ކަމަށް ސޯލިހު ވިދާޅުވިއެވެ.

އެޑްވާންސްގެ އިތުރުން މި ސަރުކާރުން ނިންމާފައި ވަނީ ދެ ކޮޓަރީގެ އެޕާޓްމަންޓެއްގެ ކުއްޔަށް 7،000 ރުފިޔާ އަދި ތިން ކޮޓަރީގެ އެޕާޓްމަންޓަކަށް 9،000 ރުފިޔާ ނެގުމަށެވެ. އަދި ތިން ކޮޓަރީގެ އެޕާޓްމެންޓަށް މެއިންޓެނެންސް ފީގެ ގޮތުގައި މަހަކު 1،500 ރުފިޔާ ނެގުމަށާއި ދެ ކޮޓަރީގެ އެޕާޓްމަންޓަކުން 1,000 ރުފިޔާގެ މެއިންޓަނަންސް ފީއެއް ނަގަން ވަނީ ނިންމާފައެވެ.
ރައީސް ޞާލިޙު އިތުރަށް ވިދާޅުވީ، ފްލެޓްތަކުގެ ކުލި ނަގަން ފަށާނީ ހަވާލުކުރާތާ ތިން މަސް ފަހުން ކަމަށް އެމްޑީޕީ ސަރުކާރުގައި ނިންމާފައިވާނެ ކަމަށެވެ. އެފަދައިން ނިންމީ ފަރުނީޗަރު ފަދަ ތަކެތި ގަންނަމުން ކުލިދެއްކުމަކީ ރައްޔިތުންނަށް ބޮޑު ދަތިތަކަމަކަށް ވާނެތީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ހަމައެހެންމެ އެޑްވާންސްގެ ގޮތުގައި ފައިސާ ނެގުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް ރައީސް ޞާލިޙު ވިދާޅުވިއެވެ.

































