ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑް، އެމްއެމްޕީއާރުސީގެ ނަން ބަދަލު ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން އެމަނިކުފާނު އެމްއެމްޕީއާރުސީގެ ނަން ބަދަލުކުރައްވާފައިވަނީ ”ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް“ގެ ނަމަށެވެ.
އެމްއެމްޕީއާރުސީއަކީ ދިވެހިރާއްޖޭގެ އިޤްތިޞާދީ ތަރައްގީއަށާއި އިޖުތިމާޢީ ދުޅަހެޔޮ ކަމަށް މަގުފަހިކޮށްދޭނެގޮތަށް ސަރުކާރުގެ މަސައްކަތްތަކުގެ ތެރެއިން އެއްބާވަތުގެ މަސައްކަތްތައް އެއްތަނަކުން ކުރާގޮތަށް ހަމަޖެއްސުމުގެ ސިޔާސަތުގެ ދަށުން، އިސްތިހާރާއި މާކެޓިންގެ ހުރިހާ ކަމެއް އެއްތަނަކުން ބަލަހައްޓައި ޚިދުމަތް އަވަސްކޮށް، ހަލުވި ކުރުމުގެ މަގުސަދުގައި އުފައްދާފައިވާ ކުންފުންޏެކެވެ. އެ ކުންފުނީގެ ނަން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑަށް ބަދަލުކުރައްވައި ކުންފުނީގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދަށް ކުންފުނިން ގެންނަން ބޭނުންވާ ބަދަލުތައް ގެނައުމަށް ގަސްތުކުރައްވާ ކަމަށް ރައީސްގެ ގަރާރުގައި ވިދާޅުވިއެވެ.

































