ހޯރަފުށި ބޮޓްލިންގ ޕްލާންޓުގެ މަސައްކަތް ހުއްޓާލައި މުވައްޒަފުން ވަޒީފާއިން ވަކިކުރުން އިދކޮޅުމައިޕާޓީ، ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ )އިން މިއަދު ކުށްވެރިކޮށްފިއެވެ.
އެމްޑީޕީއިން މިކަން ކުށްވެރިކޮށްފައިވަނީ މިއަދު އެޕާޓީން ނެރުން ނޫސްބަޔާނެއްގައެވެ. ނޫސްބަޔާނުގައިވަނީ، ހޯރަފުށިގައި ބިއްރޫލި ފުޅީގައި ފެންބަންދުކުރުމަށް އިންޑީއާގެ ސަރުކާރުގެ ހައިއިންޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓު ޕްރޮޖެކްޓުތަކުގެ ދަށުން އެޅި ބޮޓްލިންގ ޕްލާންޓުގެ ގިނައަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރުން އެޕާޓީން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމުގައެވެ.
އެމްޑީޕީގެ އެނޫސް ބަޔާނުގައި އިތުރުން ބަޔާންކޮށްފައިވަނީ، މިޕްލާންޓަކީ ހޯރަފުށީ ކައުންސިލާއި ފެނަކަ ކޯޕަރޭޝަން ގުޅިގެން ޖޮއިންޓް ވެންޗާ އުޞޫލުން ގާއިމުކުރާ ޕްލާންޓެއް ކަމަށްވާއިރު އަންނަ ޖުލައި މަހުގެ ތެރޭގައި އެޕްލާންޓް ބޭނުން ކުރެވޭނެ ކަމަށް ހޯރަފުށީ ކައުންސިލް ވަނީ ބުނެފައިވާ ކަމަށް ކަމަށެވެ. ނަވަމަވެސް ފެނަކަ ކޯޕްރޭޝަނުން ދީފައިވާ ޔަގީންކަމާއި ހިލާފަށް އެޕްލާންޓުގެ މަސައްކަތް ހުއްޓާލާފައި ވާތީ ކަންބޮޑުވުން އެމްޑީޕީގެ ނޫސްބަޔާނުގައި ބާންކޮށްފައިވެއެވެ.

އިތުރަށް ބަޔާންކޮށްފައިވަނީ، މިފަދަ ޕްރޮޖެކްޓުތަކަކީ ރަށްފަށުގެ އިގުތިޞާދަށް ދިރުން ގެނެސްދީ، އެތައް ބަޔަކަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދޭ ފަދަ ޕްރޮޖެކްޓް ތަކެއްކަމަށްވެސް ބަޔާންކޮށްފައިވެއެވެ. އަދި އަންނަ މަހު ޚިދުމަތްދޭން ފެށުމުގެ ކުރިން މި ޕްރޮޖެކްޓު ހުއްޓާލާއި މުވައްޒަފުން ވަޒީފާއިން ވަކިކުރުމަކީ ހޯރަފުށީގެ ރައްޔިތުންނަށް މި ސަރުކާރުންދޭ ބޮޑުނިކަމެތިކަމެއް ކަމަށް ނޫސްބަޔާނުގައިވެއެވެ. އަދި އިގުތިޞާދީ ނަފާ ހޯދުމަށް ކައުންސިލްތަކަކުން ކުރަމުންދާ މަސައްކަތްތަކަށް ސަރުކާރުން ހުރަސް އަޅަމުންދާ ކަމުގެ ހެއްކެއްކަމަށް ބާޔާންކޮށްފައިވެއެވެ.
އެނޫސްބަޔާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ސިޔާސީ ބޭނުމުގައި ޕްރޮޖެކްޓްތައް ހުއްޓާލައި އެތައް މުވައްފަޒުންނެއް ވަޒިފާއިން ކަނޑަމުންދަތީ އެތައް އާއިލާއެއް ހާލުގައި ޖެހެމުންދާކަން ފާހަގަކޮށްފައިވެއެވެ. އަދި ހޯރަފުށީގެ ބޮޓްލިންގ ޕްލާންޓުގެ މަސައްކަތް ހުއްޓާނުލުމަށާއި ގަވައިދާ ހިލާފަށް ވަޒީފާއިން ވަކިކުރި އެންމެހާ މުވައްޒަފުންގެ ވަޒީފާ އިއާދަކޮށްދިނުމަށް އެމްޑީޕީ އިން ނެރުން ނޫސްބާނުގައި ގޮވާލާފައިވެއެވެ.

































