ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށްގެން އިޖުތިމާއި އަދި ޢާއިލާ ތަރައްޤީއާބެހޭ ވުޒާރާ އާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގުޅިގެން ކުރިއަށް ގެންދާ އިންޓާންޝިޕް ޕްރޮގްރާމުގެ ދެވަނަ ވަނަ ބެޗު ފަށައިފިއެވެ.
އިޖުތިމާއި އަދި ޢާއިލާ ތަރައްޤީއާބެހޭ ވުޒާރާ އިން ބުނީ، މިޖޫން މަހުގެ ދެވަނަ ދުވަހު ފެށިގެން ކުރިއަށްދާ މި ޕްރޮގްރާމަކީ 6 މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ ޕްރޮގްރާމެކެވެ.
ކުރިއަށްގެންދާ މި އިންޓާންޝިޕްގައި ނުކުޅެދުންތެރިކަން ހުންނަ ފަސް ފަރާތެއް ބައިވެރިވެފައިވާއިރު، މި ފަރާތްތަކަށް އާރްޑީސީގެ އެކި ޑިޕާޓްމަންޓްތަކުގައި މަސައްކަތްކޮށް ޢަމަލީ ތަޖުރިބާ ހޯދުމުގެ ފުރުޞަތު ފަހިވެގެން ދާނެކަމަށް ވުޒާރާއިން ހާމަކޮށްފައިވެއެވެ.
މި އިންޓާންޝިޕްގެ ފުރަތަމަ ބެޗްގައި ބައިވެރިވެ ޕްރޮގްރާމު ފުރިހަމަ ކުރި އެއް ފަރާތަކަށް އާރްޑީސީއިން ވަނީ އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުން ވަޒީފާގެ ފުރުޞަތު ފަހިކޮށްދީފައެވެ.

































