ޞިއްޚީ ވުޒާރާ އާއި މާލޭ ސިޓީ ގުރޫޕް އޮފ ހޮސްޕިޓަލްސް އާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ގުޅިގެން އޮޕަރޭޝަން ޑޮކްޓަރުންގެ ކޭމްޕެއް މިޖޫން މަހު 12 އިން 14 ކުޅުދުއްފުށީ ހޮސްޕިޓަލުގައި ބޭއްވުމަށް ހަމަ ޖެހިއްޖެއެވެ. މިކޭޕްގައި ކަފާލައިގެން އަދި ލޯވަޅުއަޅައިގެން އޮޕަރޭޝަން ކުރުމާއި ފަސޭހަ ނުވެ ގިނަ ދުވަސްވެފައިވާ ހުންނަ ފާރުގަނޑަށް ފަރުވާ ދިނުން ހިމެނޭ ކަމަށް ކުޅުދުއްފުށީ ހޮސްޕިޓަލުން ވިދާޅުވެއެވެ. މީގެ އިތުރުން ޕްލާސްޓިކް ސާރޖަރީ ހެދުމާއި މީގެ އިތުރުން ކެންސަރުބަލީގެ އޮޕަރޭޝަންގެ ޚާއްޞަ ޑޮކްޓަރުންގެ ޚިދުމަތާއި އަދި ބަރުދަން ލުއި ކުރުމާއި ގޮހޮރުގެ ބަލިތަކަށް އޮޕަރޭޝަން ޑޮކްޓަރގެ ޚިދުމަތް ލިބޭނެ ކަމަށް އެހޮސްޕިޓަލުން ވިދާޅުވެއެވެ. މީގެ އިތުރުންވެސް ކުޑަކަމުދާ ނިޒާމުގެ ބަލިތަކާއި ނުފިލާ ހުންނަ ތަދުތަކަށް މިކޭމްގައި ފަރުވާ ދެއްވުމާއި އޯޕީޑީގައި ބަލިމީހުން ބެއްލެވުމައި ކުޅުދުއްފުށީ ހޮސްޕިޓަލުގައި މަސައްކަތް ކުރައްވާ ޑޮކްޓަރުންނާއި ނަރުހުންނަށް ތަމްރީން ޕްރޮގްރާމެއްވެސް ހިންގުމަށް ހަމަ ޖެހިފައި ވާކަމަށް ވެސް ކުޅުދުއްފުށީ ހޮސްޕިޓަލުން ވިދާޅުވެފައި ވެއެވެ. މިކެމްޕްގައި ޑރ. ޢަބްދުﷲ އުބައިދު، އާއި ޑރ ޝިފާން، ، ޑރ އަސަދުﷲ ސަހީދު ، ޑރ މުޙަންމަދު ވަހީދު އާއި ޑރ މުޙަންމަދު ޝަރީފުގެ އިތުރުން ޑރ އިބްރާހީމް މިސްބާހު އާއި ޑރ އާއިޝަތު އަޒްނާ އާއި ޑރ އަލީ އާފީ ބައިވެރިވެ ވަޑައިގެން ފަރުވާ ދެއްވާނެ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދެއްވައެވެ. މިކޭޕްގައި ފަރުވާ ހޯއްދެއްވުމަށް އެދޭ ފަރާތްތަކުން މިމަހުގެ 1ވަނަ ދުވަހުން ފެށިގެން ކުޅުއްދުއްފުށީގެ ހޮސްޕިޓަލާ ގުޅުއްވައިގެން ނުވަތަ ޕޭޝަންޓް ޕޯޓަލުގައި ރަޖިސްޓްރީ ކޮށްގެން ނަންނޯޓް ކުރެވޭނެއެވެ.

































