އަންނަ ޖޫން މަހުން ފެށިގެން އައިނު ހެއްދުމަށް 2000ރ ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ނިންމަވައިފިއެވެ. މިކަން މިގޮތަށް ނިންމަވާފައިވާކަން އެމަނިކުފާނު ހާމަކުރެއްވީ ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަކުރުމަށް ބާސެލޯ ނަސަންދުރާގައި ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިސަރުކާރުގެ ޞިއްޙީ ދާއިރާގެ މައިގަނޑު ސިޔާސަތަކީ އެއްވެސް ތަފާތުކުރުމެއްނެތި ރާއްޖޭގެ ކޮންމެ ރައްޔިތަކީވެސް ދުޅަހެޔޮ ޞިއްޙަތެއްގައި ހުރި ރައްޔިތަކަށް ހެދުމެވެ. މިސިޔާސަތުގެ ދަށުން ގިނަކަންތައްތަކެއް ސަރުކާރުން ގެންދަނީ ކުރައްވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޕްރިވެންޓިވް ހެލްތު ކެއަރއަށް ރާއްޖޭގެ ސަރުކާރުތަކުން އެހާބޮޑަށް ސަމާލުކަން ނުދިނުމުގެ ނަތީޖާއަކަށްވީ އަޅުގަނޑުމެންގެ ތެރޭގައި ލައިފް ސްޓައިލް އެތައް ބައްޔެއް ފެތުރުންކަމަށެވެ. އެހެންކަމުން މިސަރުކާރުގެ ސިޔާސަތުގެ އެންމެ މުހިންމު އެއްކަމަކަށް ކަނޑައެޅީ ބަލިތައް ޖެހުމުގެ ކުރިން އެބަލިތަކުން މީހުން ދުރުކުރުމަށްޓަކައި ފިޔަވަޅުތައް އެޅުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދެމެހެއްޓެނިވި ތަރައްޤީގެ ސިޔާސަތު ތަންފީޒުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާއިރު ކޮންމެ ރަށެއްގައި ހުންނަ ރައްޔިތަކަށްވެސް އެކަށީގެންވާ ޞިއްޙީ ފަރުވާ ފޯރުކޮށްދޭން ޖެހޭކަމަށެވެ. އެހެންކަމުން ވީރާނާވެފައިވާ ޞިއްޙީ މަރުކަޒުތަކުގެ ފެންވަރު ރަނގަޅުކުރުމާއި، ކުދިކުދި އާބާދީތަކުގައި ހުންނަ ލެބޯޓްރީ ނިޒާމްތައް ރަނގަޅުކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ވިދާޅުވިއެވެ. އަދި ސަރައްހައްދީ ގޮތެއްގައި ރީޖަނަލް ހޮސްޕިޓަލްތަކާއި، އަރބަން ސެންޓަރުގެ ގޮތުގައި ކަނޑައެޅިފައިވާ ރަށްރަށާއި ސިޓީތަކާއި، މިފަދަ ތަންތަނުގައި މަތީފެންވަރުގެ ޓަރޝަރީ ފެންވަރަށް ފަރުވާދިނުން މަތިކުރުމުގެ މަސައްކަތްވެސް ކުރައްވަމުން ގެންދަވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

































