މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް) ގެ ހުސްވެފައިވާ މެމްބަރުކަމުގެ މަގާމަށް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ދިރާސާކޮށް ރުހުން ހޯދުމަށް ހަ މީހެއްގެ ނަން ރައީސް ޑރ. މުހައްމަދު މުއިއްޒު، މަޖިލިހަށް މިއަދު ފޮނުވައިފައެވެ.
ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލުމުން ކުރިމަތިލި ފަރާތްތަކުގެ ތެރެއިން، ރައީސް މުއިއްޒު އިސްކަންދެއްވާ ތަރުތީބުން ހުށަހެޅުއްވި ލިސްޓުގެ އެންމެ ފުރަތަމަ އޮތް ނަމަކީ، ޒަމްއަތު އަހުމަދު ވަހީދުގެ އެވެ. ޒަމްއަތަކީ ދިވެހިރާއްރާއްޖޭގެ އަޑު، ޕަބްލިކް ސަރވިސް މީޑިއާ އަދި ވީޓީވީގައި މަސައްކަތް ކުރި ތަޖުރިބާކާރު ނޫސްވެރިއެކެވެ.
ބްރޯޑްކޮމްގެ މެންބަރުކަމަށް ހުށަހެޅުނު އެހެން ނަންތަކުގެ ތެރޭގައި އިބްރާހިމް އަޝްރަފް، މޫސާ ރިލްވާން، ޒީނާ ޒާހިރު، އަލީ ޔޫސުފް އަދި ޝިމްލާ އަހުމަދު ހިމެނެއެވެ.
މި ނަންތައް ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ވަނީ ފޮނުވައިފައެވެ. ކޮމިޓީން މި ނަންތައް ދިރާސާކުރުމަށްފަހު، ބްރޯޑްކޮމްގެ އާ މެންބަރު އައްޔަންކުރުމަށް މަޖިލީހުގެ ޖަލްސާގައި ވޯޓަށް އަހާނެއެވެ.
ބްރޯޑްކޮމްގެ މެންބަރަކު އައްޔަން ކުރަނީ އެ ކޮމިޝަންގެ މެމްބަރު އާމިނަތު އަމީނާގެ ދައުރު އަންނަ މަހުގެ 15 ވަނަ ދުވަހު ހަމަވާތީއެވެ.

































