ފަލަސްތީނުގެ ރައްޔިތުންގެ ޙައްޤުގައި ދިވެހިރާއްޖެއިން ހުއްޓުމެއްނެތި ވަކާލާތު ކުރާނެކަމަށް ރާއްޖެއިން ބުނާބުނުން ތަކުރާރުކޮށްފިއެވެ.
ބަންޑާރަ ނައިބު އަހްމަދު އުޝާމްވަނީ ބުރާސްފަތިދުވަހު އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ) ގެ އިސްތިޝާރީ ލަފަޔަކަށްއެދި ހުށަހަޅާފައިވާ މައްސަލައިގައި ދިވެހިރާއްޖެއިން ބައިވެރިވެ އެކޯޓުގައި ބޭއްވި އަޑުއެހުމުގައި ވާހަކަފުޅު ދައްކަވާފައެވެ.
މި މައްސަލަ އަކީ، އ.ދ. އާއި، އެހެނިހެން ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއި، އެހެން ޤައުމުތަކުން ފަލަސްތީނުގެ ޢާއްމު ރައްޔިތުންނަށް ފޯރުކޮށްދެމުންދާ އިންސާނީ އެހީތެރިކަމަށް ހުރަސްއަޅައި، ފަލަސްތީނުގެ ރެފިއުޖީންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ އ.ދ ގެ މައިޖަމްޢިއްޔާ ކަމުގައިވާ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވަރކްސް އޭޖެންސީ ފޮރ ޕަލަސްޓައިން ރެފިއުޖީސް އިން ދަ ނިއަރ އީސްޓް (އަންރުވާ) ގެ މަސައްކަތްތައް ހުއްޓުވާލުމަށްޓަކައި، އިސްރާއީލުގެ ޤާނޫނުހަދާ މަޖިލީހުން ނިންމުމާއި، ޣައްޒާގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ޙަރަކާތްތެރިވަމުންދާ ފަރާތްތަކަށް އަމާޒުކޮށް އިސްރާއީލުން ޙަމަލާތައް ދެމުންގެންދާތީ، އިސްރާއީލުން އުފުލަންޖެހޭ ޒިންމާތަކާ ގުޅޭގޮތުން އައި.ސީ.ޖޭ އަށް އިސްތިޝާރީ ލަފަޔަކަށް އެދި ހުށަހެޅުމަށް އ.ދ ގެ ޢާއްމު މަޖިލީހުގެ ޤަރާރަކުން 19 ޑިސެންބަރު 2024 ގައި ފާސްކުރުމުން ހުށަހަޅާފައިވާ މައްސަލައެކެވެ.
އެގޮތުން އައިސީޖޭގައި ބުރާސްފަތި ދުވަހު ބޭއްވި އަޑުއެހުމުގައި ދިވެހިރާއްޖެ ތަމްޞީލު ކުރައްވަމުން ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމްވަނީ، ފަލަސްތީނުގެ ރައްޔިތުންގެ ޙައްޤުގައި ދިވެހިރާއްޖެއިން ކެނޑިނޭޅި ވަކާލާތުކުރާނެކަން ފާހަގަކުރައްވައި، އިސްރާއީލުގެ ބާރުގެ ދަށަށް ގެނެސްފައިވާ ފަލަސްތީނުގެ ބިންތަކުގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދެވޭކަން ކަށަވަރުކުރުމުގެ މުޙިއްމުކަމަށް އަލިއަޅުއްވައިލައްވާފައެވެ.
މިއާއިއެކު އަންރުވާ ރޫޅާލުމަށްޓަކައި އިސްރާއީލުން ޤަސްދުގައި އަޅާފައިވާ ފިޔަވަޅުތަކާ ގުޅޭގޮތުން ކަންބޮޑުވުން ބަންޑާރަނައިބު އުޝާމް ފާޅުކުރެއްވިއެވެ. އަދި ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ އިންސާނީ ޚައްޤުތައް ހޯދުމަށް ކުރަމުންދާ މަސައްކަތަށް ދިވެހި ސަރުކާރުން އަބަދުވެސް އެއްބާރުލުން ދޭނެކަން ބަންޑާރަނައިބު އުޝާމްވަނީ ފާހަގަ ކުރައްވައިފައެވެ.
އެގޮތުން ދިވެހިރާއްޖެ ތަމްސީލުކުރެއްވި ބައިނަލްއަގްވާމީ ވަކީލުން ހުށަހެޅުއްވި ބަޔާންތަކުގައި، ބައިނަލްއަގްވާމީ މުޢާހަދާތަކުގެ ދަށުން އިސްރާއީލުގެ ޒިންމާތަކުން ރެކުމަށްޓަކައި ޤައުމީ ސަލާމަތް އަދި ހަނގުރާމަވެރި ބޭނުންތެރިކަން ސަބަބެއްގެ ގޮތުގައި ދައްކަނީ ބައިނަލްއަގްވާމީ ގާނޫނުތަކާ ޚިލާފަށްކަން ފާހަގަކުރައްވާފައިވެއެވެ.
އެ ބޭފުޅުން ވަނީ އިސްރާއީލާ އަންރުވާއާ ދެމެދު ސޮއިކޮށްފައިވާ 1967 ގެ އެކްސްޗޭންޖް އޮފް ލެޓާސް އިން އިޒްރޭލު ނިކުތުމުގެ ޤާނޫނީ ނަތީޖާތަކަށް ވެސް އަލިއަޅުއްވާލައްވައިފައެވެ.
ފަލަސްތީނާއި އިސްރާއީލުގެ މައްސަލައަށް އޮތް ހަމަ އެކަނި ދެމެހެއްޓެނިވި ޙައްލަކީ، 1967 ވަނަ އަހަރުގެ ކުރިން އޮތް ސަރަޙައްދީ އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސް ވެރިރަށެއްގެ ގޮތުގައި ކަނޑައަޅައި، މިނިވަން، މުސްތަޤިއްލު އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުންކަންވަނީ ފާހަގަކޮށްފައެވެ.
ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ވަނީ، އައި.ސީ.ޖޭގައި މުޚާޠަބު ކުރުމުގެ ޝަރަފު ލިބިވަޑައިގެންކަން އެމަނިކުފާނުގެ އެކްސް އެކައުންޓުގައި އުފަލާއިއެކު ހާމަކޮށްފައެވެ. މިގޮތުން ޒަމާނުއްސުރެ ފަލަސްތީނުގެ ރައްޔިތުންނަށް ދިވެހިރާއްޖއިން އޮތް ތާއީދު އަލުން ކަށަވަރުކޮށްދީ، އިސްރާއީލުން ފަލަސްތީނު ރޫޅާލުމަށް ކުރާ މަސައްކަތްތަކާމެދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރެއްވިކަމަށް އެމަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވިއެވެ. އަދި ބައިނަލްއަޤްވާމީ ފޯރަމްތަކުގައި ފަލަސްތީނުގެ ރައްޔިތުންގެ ހައްޤުތަކަށް ވަކާލާތުކުރުމާއި، ބައިނަލްއަޤްވާމީ ކަމާބެހޭ މައްސަލަތަކުގައި ހީވާގިކަމާއެކު ބައިވެރިވުމަކީ ދިވެހިރާއްޖެއިން ފަލަސްތީނަށް ތާއީދުކުރާ އެތައް ގޮތުގެ ތެރެއިން އެއްގޮތްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އ.ދ.އާއި އެހެނިހެން ބައިނަލްއަޤްވާމީ ޖަމިއްޔާތަކާއި އެހެން ޤައުމުތަކުން ފަލަސްތީނުގެ ޢާންމު ރައްޔިތުންނަށް ފޯރުކޮށްދެމުންދާ އިންސާނީ އެހީތެރިކަމަށް ޔަހޫދީން ދަނީ ހުރަސް އެޅުމުގެ އިތުރުން ޣައްޒާގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ޙަރަކާތްތެރިވަމުންދާ ފަރާތްތަކަށް އަމާޒުކޮށް އިސްރާއީލުން ދަނީ ލާއިންސާނީ ޙަމަލާތައް ދެމުންނެވެ.

































