އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ ނިއުބޯން އިންޓެންސިވް ކެއަރ ޔުނިޓް (އެންއައިސީޔޫ)ގައި ނުރައްކާތެރި ބެކްޓީރިއާއެއް ފެނިފައިވާ ކަމަށް އެ ހޮސްޕިޓަލުން ހާމަކޮށްފިއެވެ.
އައިޖީއެމްއެޗްއިން އެކްސްގައި ކުރި ޕޯސްޓެއްގައި ހާމަކޮށްފައިވާ ގޮތުން، އެންއައިސީޔޫގައި ފަރުވާ ދެމުންދާ ބައެއް ކުދިންގެ ގައިން މަލްޓި-ޑްރަގް ރެޒިސްޓަންޓް އޯގަނންޓް އޯގަނިޒަމްސް (އެމްޑީއާރްއޯ) ކިޔާ ނުރައްކާތެރި ބެކްޓީރިއާއެއްވަނީ ފެނިފައިވެއެވެ.
ހޮސްޕިޓަލުން ބުނީ އެކަން ފާހަގަވުމާއެކު މުޙިއްމު ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. އަދި ކުދީންގެ ރައްކާތެރިކަމާއި ބެކްޓީރިއާ އިތުރަށް ފެތުރުން ކޮންޓްރޯލް ކޮށްފައިވާކަމަށްވެސް ހޮސްޕިޓަލުން މަޢުލޫމާތުދެއްވައެވެ.
މިހާތަނަށް އެއްވެސް ކުއްޖަކަށް ނުވަތަ ޞިއްޙީ އެހީތެރިއަކަށް ނުރައްކާތެރި ޙާލަތެއް ދިމާވެފައި ނުވާ ކަމަށްވެސް އެ ހޮސްޕިޓަލުން ބުނެއެވެ.. އަދި މި ކަމާ ގުޅިގެން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅަމުންދާ ކަމުގެ ޔަޤީންކަން ވެސް އެ ހޮސޕިޓަލުންވަނީ ދީފައިވެއެވެ.
މި ކަމާ ގުޅޭ މަޢުލޫމާތުތައް ކުރިއަށް އޮތް ތަނުގައި ހާމަކުރަމުން ގެންދާނަންކަމަށްވެސް އައިޖީއެމްއެޗްއިން އެކްސްގައި ކޮށްފައިވާ ޕޯސްޓުގައި ބުނެފައިވެއެވެ.
































