މިނިސްޓްރީ އޮފް ސިޓީސް، ލީކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްއިން، އޭޕްރިލް 29 ގައި ފެށި ”އަންހެންވެރިންގެ ސައްލާ“ މަސައްކަތު ބައްދަލުވުމުގައި އަންގާރަދުވަހުގެ ދަންފަޅިތަކުގައި ވެސް މުހިއްމު 3 ކަރުދާހެއްގެ މައްޗަށް ބަލައިލެވިފައިވާ ކަމަށް، އެ ކަމާ ޙަވާލުވެ ހުންނެވި ޕޮލިޓިކަލް ޑިރެކްޓަރ ޢާއިޝަތު ސުދުފާ ވިދާޅުވެއްޖެއެވެ.
ސުދުފާ ހާމަކުރެއްވި ގޮތުގައި އަންގާރަދުވަހު ވަނީ ޤާނޫނީ ގޮތުން ކޮމިޓީތަކުގެ ދައުރާއި، ސިޔާސީ ދާއިރާގައި އަންހެނުން ބާރުވެރިކުރެވުމާއި އަދި ޞިއްޙީ އަދި ނަފްސާނީ ދުޅަހެޔޮކަމުގެ މައްޗަށް ޢިލްމީ ނަޒަރަކުން ބަލައިލެވި މެންބަރުންގެ މެދުގައި މަޝްވަރާތައް ކުރިއަށް ގެންދެވިފައިވެ.
އެ ގޮތުން އަންހެނުންގެ ތަރައްްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ދައުރާއި، ޝަޚްޞާއި އަދި އިދާރީ ދާއިރާތައް ހިންގުމުގައި އތމ ކޮމިޓީތަކަށް ލިބިގެންވާ ޙައްޤުތަކާއި ބާރުތައް އޮޅުންފިލުވައިދެއްވީ އަލްއުސްތާޛާ ފާޠިމަތު ފަހުމީއެވެ. ސިޔާސީ ދާއިރާގައި އަންހެނުންގެ ބާރުވެރިކަން އިތުރުކުރުން މި ބައި ކުރިއަށް ގެންގޮސްދެއްވީ ޑރ. މަރިޔަމް ޒުލްފާއެވެ. ވަޒީފާގެ މާޙައުލުގައާއި، މުޖުތަމަޢުގައި ނަފުސާނީ، ޖިސްމާނީ ދުޅަހެޔޮކަން މި ސުރުޚީގެ މައްޗަށް މަޝްވަރާތައް ކުރިއަށް ގެންގޮސްދެއްވީ ސިޔާމާ އަންވަރެވެ.
އަންހެނުންގެ ތަރައްްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ޚާއްޞަކޮށް މާލޭގައި ބޭއްވި މި ސައްލާގައި މާލެ އަތޮޅާއި، އަރިއަތޮޅު އުތުރުބުރިއާއި، އަރިއަތޮޅު ދެކުނުބުރިއާއި، ފެލިދެއަތޮޅާއި، މުލަކަތޮޅުގެ އަންހެންގެ ތަރައްޤީއަށް މަސައްކަތްކުރަ ކޮމިޓީތަކުގެ މެންބަރުންގެ ތެރެއިން 59 މެންބަރުން ބައިވެރިވެފަވެއެވެ.
”އަންހެންވެރިންގެ ސައްލާ“ ފަށައިފާވަނީ މިމަހުގެ 29 ގައެވެ. އިސްރަށްވެހިންގެ ނާދީ ހޯލްގައި އެ މަސައްކަތު ބައްދަލުވުން ފައްޓަވާ ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދެވެ. އަންހެންވެރިންގެ ސައްލާ“ އަކީ އަންހެނުންގެ ތަރައްްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ހާއްސަކޮށް، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ތިޒާމުކޮށް ކުރިއަށްގެންދާ މިފަދަ ފުރަތަމަ މަސައްކަތު ބައްދަލުވުންކަން ފާހަގަކޮށްލެވެއެވެ.

































