މަތީ ތަޢުލީމު ހާސިލުކުރާ ދަރިވަރުންނަށް އަވަހަށް ޖަވާބު ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، ދަރިވަރުންގެ މަޢުލޫމާތު ބަލަހައްޓާ ހާއްސަ ޕޯޓަލެއް ޤާއިމުކުރުމަށް ނިންމާފައިވާ ކަމަށް މަތީ ތަޢުލީމާބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު ހާމަކުރައްވައިފިއެވެ.
މި އައު ޕޯޓަލް ޤާއިމުކުރުމުން، ދަރިވަރުންނާއި ބެލެނިވެރިންނަށް މިނިސްޓްރީއާ ގުޅުން ބަދަހިވެ، މަޢުލޫމާތު ހޯދުމާއި ސުވާލުތަކަށް ޖަވާބު ލިބުން ފަސޭހަވެގެންދާނެ ކަމަށް ބެލެވެއެވެ. މީގެ އިތުރުތުރުން، މިނިސްޓްރީގެ މުވައްޒަފުންނަށްވެސް މަސައްކަތް ހަލުވިކޮށް ނިންމުމަށް މަގުފަހިވެގެންދާނެ ކަމަށް މިނިސްޓްރީން އުންމީދުކުރެއެވެ.
މި ޕޯޓަލްގެ ތަފްޞީލުތައް އަދި ވަކި ގޮތަކަށް ބޭނުންކުރާނެ ގޮތުގެ މަޢުލޫމާތު އޮކްޓޯބަރު މަހާ ކައިރިވަމުންދާއިރު އާންމުކުރެވޭނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ
މި ޕޯޓަލްއަކީ ހަމައެކަނި މަޢުލޫމާތު ބަލަހައްޓާ ނިޒާމެއް ނޫން ކަމަށާއި މިއީ ދަރިވަރުންނާއި މިނިސްޓްރީއާ ދެމެދު އޮންނަ ގުޅުން ވަރުގަދަކޮށް، ޚިދުމަތްތައް ހަލުވިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް މިނިސްޓަރ ހައިދަރު ވިދާޅުވިއެވެ.
ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން ވަނީ މިނިސްޓަރ ޙައިދަރާ ދެ ސުވާލެއް ކުރައްވާފައެވެ. މި ސުވާލުތަކަކީ ދަރިވަރުންނާއި ބެލެނިވެރިންގެ ފަރާތުން މެންބަރު އަޒާނާ ހިއްސާކޮށްފައިވާ ކަންބޮޑުވުންތަށްކަން ފާހަގަކޮށްލެވެއެވެ
ފުރަތަމަ ސުވާލުގައި މެންބަރު އަޒާން ވަނީ މިނިސްޓްރީއަށް ދަރިވަރުން ފޮނުވާފައިވާ އީމެއިލް އަދި ސިޓީތަކަށް ޖަވާބުދިނުން ލަސްވާ މައްސަލައަށެވެ. މި ކަންބޮޑުވުމާ ގުޅިގެން، އެކަން ލަސްވަނީ ކީއްވެކަމާއި، އެކަން ހައްލުކުރުމަށް އަޅުއްވާފައިވާ އަދި އަޅުއްވަމުންގެންދަވާ ފިޔަވަޅުތަކަކީ ކޮބައިކަން ސާފުކޮށްދެއްވުމަށް ވަނީ އެދިވަޑައިގެންފައެވެ
ދެވަނަ ސުވާލުގައި މެންބަރު އަޒާން ފާހަގަކުރައްވާފައިވަނީ ސްޓޫޑެންޓް ލޯނު އަދި ސްކޮލަރޝިޕްތަކުގައި ކިޔަވާ ދަރިވަރުންގެ ސްޓައިޕެންޑް ފައިސާ ޖަމާކުރުމާއި ދައްކަންޖެހޭ ޓިއުޝަން ފީތައް ދެއްކުން ލަސްވާ މައްސަލައެވެ. މިކަމާ ގުޅިގެން، މި ފައިސާތައް ދެއްކުން ލަސްވަނީ ކީއްވެކަމާއި، އެގޮތަށް ލަސްވުމަށް މެދުވެރިވާ ސަބަބު ނައްތާލުމަށް ކުރެވިފައިވާ މަސައްކަތަކީ ކޮބައިކަން ސާފުކޮށްދެއްވުމަށް ވަނީ އެދިވަޑައިގެންފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު ޢަޒާން މަރުޒޫގު ކުރެއްވި ސުވާލަކަށް ލިޔުމުން ޖަވާބުދެއްވަމުން، މިނިސްޓަރު ވިދާޅުވީ، މި އަހަރުގެ އޮކްޓޯބަރު މަހުގައި އެޕޯޓަލްގެ ޚިދުމަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.
ރާއްޖެއާއި ރާއްޖޭން ބޭރުގައި ކިޔަވަމުންދާ ދަރިވަރުންނަށް ދޭ ޚިދުމަތް އަވަސްކުރުމަކީ އަމާޒެއްކަމަށާއި މި ޕޯޓަލް މެދުވެރިކޮށް ދަރިވަރުންނަށް ބޭނުންވާ މަޢުލޫމާތު ފަސޭހައިން ލިބި، ސުވާލުތަކަށް އަވަސް ޖަވާބު ލިބޭނެ,ކަމަށް ޑރ. ޢަލީ ޙައިދަރު ވިދާޅުވިއެވެ.
މިނިސްޓްރީން ހިދުމަތް ދޭ ދަރިވަރުންގެ އަދަދު އިތުރުވުމަކީ ޖަވާބުދިނުން ލަސްވުމަށް މެދުވެރިވި މައިގަނޑު ސަބަބުކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެގޮތުން، މިނިސްޓްރީގެ ސްކޮލަރޝިޕް ސެކްޝަނާއި، ލޯނު ސެކްޝަނުގެ އިތުރަށް ސަރުކާރުން ހިންގާ ހިލޭ ޑިގްރީ ޕްރޮގްރާމު ބަލަހައްޓާ ސެކްޝަނަށް ދުވާލެއްގެ މައްޗަށް 600 އަށްވުރެ ގިނަ އީމެއިލާއި ސިޓީ ލިބޭކަމަށް މިނިސްޓަރު ހާމަކުރެއްވިއެވެ.
ވަޒީރު ހައިދަރު ވިދާޅުވީ ދަރިވަރުންނަށް ސްޓޫޑެންޓު ލޯންގެ ފައިސާ ޖަމާކުރަނީ އެދަރިވަރަކާއެކީ ސޮއިކޮށްފައިވާ ލޯން އެގްރީމެންޓުގައި ހިމަނާފައިވާ ދިވެހި ރުފިޔާ އެކަންޓަށް ކަމަށާއި ފުރަތަމަ ޕޭމެންޓަށް ފަހު ދެން ކޮންމެ ޕޭމެންޓެއްވެސް ޖަމާކުރާނީ ހަމަސް ދުވަސް ފަހުން ކަމަށެވެ.
މިނިސްޓްރީއިން އެންމެ ބޮޑު އިސްކަމެއް ދިނީ ދަރިވަރުންނަށް ފައިސާ ދޫކުރުމަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ނިމުނު އަހަރު 1.5 މިލިއަން ރުފިޔާއަށްވުރެ ގިނަ އަދަދެއްގެ ފައިސާ ދަރިވަރުންނަށް ދޫކުރެވިފަވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިއީ އޭގެ ކުރީގެ އެއްވެސް އަހަރެއްގައި ދޫކުރެވިފައިނުވާ ވަރުގެ ބޮޑު އަދަދެއްކަމަށްވެސް ޑރ. ޢަލީ ޙައިދަރު ވިދާޅުވިއެވެ.
މެންބަރުގެ ސުވާލުތަކަށް ޖަވާބުދާރީވުމަށް ވަޒީރު މަޖިލީހަށް ހާޒިރު ކުރަން ބުދަދުވަހުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވީނަމަވެސް ވަޒީރު މާލޭގައި ވަޑައިގެން ނެތުމުން ވަޒީރު ވަނީ ޖަވާބު ސިޓީއަކުން މަޖިލީހަށް ހުށަހަޅާފައެވެ. އެ ސިޓީ ޖަލްސާގެ ތަޅުމުގައި ވަނީ އިއްވާފައެވެ.

































