މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް އަލަށް ރެކްރޫޓްކޮށްފައިވާ ފަރާތްތަކަށް، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑުގެ ފަރާތުން ”އެސެންޝަލް ސެލްފް ޑިފެންސް“ ނަމުގައި ޓްރެއިނިންގ ޕްރޮގްރާމެއް ހިންގައިފިއެވެ.
އެމްއެންޑީއެފް އިން ބުނީ، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑުން، މެރިން ކޯރ ޓްރެއިނިންގ ސްކޫލާ ގުޅިގެން މި މަހުގެ 15 އިން 17 އަށް، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގައި ކުރިއަށް ގެންދިޔަ މި ޓްރެއިނިންގ ޕްރޮގްރާމްގައި ސެލްފް ޑިފެންސްގެ އެކިއެކި އުކުޅުތައް ބޭނުންކުރާނެ ގޮތްތައް ވަނީ ކިޔައިދީފައެވެ. މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް އަލަށް ރެކްރޫޓްކޮށްފައިވާ 19 ފަރާތެއް ވަނީ މި ޕްރޮގްރާމް ފުރިހަމަކޮށްފައެވެ.
މި ޕްރޮގްރާމް ނިންމުމުގެ ގޮތުން އެޕްރީލު 17 ވަނަ ދުވަހު ކަސްޓަމްސް ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތު ޝަަރަފުވެރިކޮށްދެއްވައި، ޕްރޮގްރާމުގެ މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވި ފަރާތްތަކަށް އެކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ޑައިރެކްޓްރޭޓް ހެޑް އޮފް ރީޖަނަލް ކަސްޓަމްސް، ސުޕްރިންޓެންޑެންޓް މުޙައްމަދު ނިޒާރެވެ. މި ރަސްމިއްޔާތުގައި، ޕްރޮގްރާމުގެ ބައިވެރީންނަށް އެކަމުގެ ލިޔުން ހަވާލުކޮށްދެއްވީ އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑުގެ ސިވިލް އެފެއަރޒް އޮފިސަރ، ކެޕްޓަން އަޙްމަދު ނާއިދެވެ.
މި ޕްރޮގްރާމުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވީ އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުގެ މުދައްރިބުންނެވެ.


































