އެމްޑީޕީ އޮތީ އެކަތިގަނޑެއްގެ ގޮތުގައި ބަދަހިކޮށްކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙް މިހެން ވިދާޅުވީ، ރައީސް ޑރ. މުޢިއްޒުގެ ދަރިކަލުންގެ ކަރާމާތަށް އުނިކަން އަންނަގޮތަށް ވާހަކަތަކެއް ދައްކާފައިވާކަމަށް ބުނެ އެމަނިކުފާނުގެ އާއިލާގެ ފަރާތުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒާއި އެމްޑީޕީގައި އިސްކޮށް ހަރަކާތްތެރިވާ މަރިޔަމް ޒުބައިރު (މަންދީ) އަދި އެމްޑީޕީއަށް ދައުވާކުރުމަށް ފެމެލީ ކޯޓަށް ހުށަހެޅުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މިގޮތުން ކުރީގެ ރައީސް ޞާލިޙް އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވީ، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢީލާއި ޕާޓީގެ އިސް ޙިދުމަތްތެރީންގެ މައްޗަށް ސިޔާސީ ބޭނުމަށް އެކި ނަންނަމުގައި ކުރާ ދަޢުވާތަކަކީ އެމްޑީޕީގެ އަޑު ކަނޑުވާލުމުގެ މަގުސަދުގައި ހިންގާ ފިނޑި އަމަލެއް ކަމަށެވެ.
އަދި މިއީ އެމްޑީޕީއަށް އާ ކަމެއް ނޫންކަމަށާއި އަދި އެފަދަ ކަމަކުން ޕާޓީ ކުޑަކޮށްވެސް ފަހަތަކަށް ނުޖެހޭނެކަމަށް ރައީސް ޞާލިޙް ވަނީ ވިދާޅުވެފައެވެ.
”އަޅުގަނޑުމެން މިތިބީ އެކަތިގަނޑެއްގެ ގޮތުގައި، ބަދަހިކޮށް އަދި ރައްޔިތުންގެ ހައްގުގައި އެމްޑީޕީން ކުރާ މަސައްކަތްތައް ދާނީ ކުރިއަށް“ އެކްސްގައި ކުރެއްވި ޕޯސްޓުގައި ރައީސް ސޯލިހް ވިދާޅުވިއެވެ.
ރައީސް ޞާލިޙް ވިދާޅުވީ، އެމްޑީޕީ މެންބަރުން ތިބީ އެކަތިގަނޑެއްގެ ގޮތުގައި، ބަދަހިކޮށްކަމަށެވެ. އަދި ރައްޔިތުންގެ ހައްޤުގައި އެމްޑީޕީން ކުރާ މަސައްކަތްތައް ދާނީ ކުރިއަށް ކަމަށްވެސް ރައީސް ޞާލިޙްގެ ޕޯސްޓުގައި ވަނީ ވިދާޅުވެފައެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައިވާއިރު އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވެސް ވަނީ ފައްޔާޒުގެ ދިފާއުގައި ނުކުންނަވާ އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ.
ފައްޔާޒު އިސްމާޢީލްގެ ދިފާއުގައި ރައީސް ޞާލިޙާއި ޢަބްދުﷲ ޝާހިދު ނުކުންނަވާފައި މިވަނީ އެ ޕާޓީ ތެރޭގައި ރިޔާސީ ޓިކެޓްގެ ވާދަވެރިކަން އުފެދި ފެކްޝަންތަކެއް އުފެދިފައިވާކަމަށް ގިނަބަޔަކު ބުނަމުން ދާ ދަނޑިވަޅެއްގައިކަން ފާހަގަކޮށްލެވެއެވެ..
ރައީސްގެ އަނބިކަނބަލުން ސާޖިދާ އަހުމަދުގެ ފަރާތްޕުޅުން ހުށަހެޅުއްވި އެ މައްސަލައިގައި ވިދާޅުވެފައިވަނީ އެމްޑީޕީން ފާއިތުވި މާރިޗް މަހުގެ ތެރޭގައި މާލޭގައި ބާއްވަމުން ގެންދިޔަ ސިލްސިލާ މުޒާހަރާތަކުގެ ތެރޭގައި މަންދި ރައީސްގެ ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒަށް ނިސްބަތްކޮށް ދައްކާފައިވާ ވާހަކަތަކުގެ ސަބަބުން އުމައިރުގެ ނަފްސަށާއި ފުރާނައަށް ނުރައްކާވާނޭ ހާލަތެއް މެދުވެރިކުރުވައި އުމައިރުގެ ކިޔެވުމާއި މުސްތަޤުބަލަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނޭ ޙާލަތެއް މެދުވެރިކޮށްފައިވާ މައްސަލަ ހުށަހަޅާ ކަމަށެވެ.
އެގޮތުން ނަމާއި އަބުރު ރައްކާތެރިކުރެވިފައި އޮތުމުގެ ހައްޤު ނިގުޅައިގެންފައިވާތީ ސިވިލް ކޯޓަށާއި ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކަމުގެ ގާނޫނު އަދި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދިނުމާބެހޭ ބައިނަލްއަގްވާމީ މުއާހަދާ އިން ކުޑަކުދިނަނަށް ކަށަވަރުކޮށްދީފައިވާ ކަރާމާތާއި ރައްކާތެރިކަން ނިގުޅައިގެންފައިވާ ކަމަށް މައްސަލައިގައިވެއެވެ.
އެ މައްސަލަތައް ހުށަހަޅައިފައި ވަނީ ޤާނޫނު އަސާސީއާ ގާނޫނުތަކުން ކުޑަކުދިންނަށް ކަށަވަރުކޮށްދީފައިވާ ކަރާމާތާއި ރައްކާތެރިކަމުގެ ހައްގު ސިޔާސީ ދެކޮޅުވެރިކަމާއި ވާދަވެރިކަމުގެ ތެރެއިން ވިޔަސް ނިގުޅައި ނުގަނެވޭނެކަން ކަށަވަރުކޮށް އެ ކުދިންގެ ތައުލީމާއި މުސްތަގްބަލު އަދި ނަފްސު ގަނާ ކުރުމާއި ފުރައްސާރަކުރުމާއި އަދި ނުރައްލުގެ ތެރެއަށް ހުށަހެޅުމަށްކުރެވޭ މަސައްކަތްތަކުން ސަލާމަތްކޮށް ރައްކާތެރިކަން ކަށަވަރުކުރުމުގެ މަގްސަދުގައި ކަމަށް ވެސް ވިދާޅުވިއެވެ.

































