އެމްޓީސީސީގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމުގެ ގޮތުން ހުޅުމާލޭގައި ދެ ޓަވަރު އެޅުމުގެ ޕްރޮޖެކްޓާ ގުޅިގެން އެ މަސައްކަތް ހަވާލުކުރި ކުންފުންޏަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ މައްސަލައިގައި ތަހުޤީގު ނިންމައި ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.
މިގޮތުން އެ ކުންފުނީގެ ކުރީގެ ސީއީއޯ އާއެކު ކުންފުނީގެ ކުރީގެ ހަތަރު މުވައްޒަފަކަށް ދަޢުވާކޮށްދިނުމަށް އެދި އޭސީސީ އިން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވެއެވެ. އެ މަސައްކަތް ހަވާލުކުރި ކުންފުންޏަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ މައްސަލާގައި ދައުވާކޮށްދިނުމަށް އެ މައްސަލަ ޕީޖީއަށް ފޮނުވާފައިވަނީ އަންގާރަދުވަހުކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން އޭސީސީއިން ބުނެއެވެ.
މި މައްސަލައިގައި ދައުވާކޮށް ދިނުމަށް އެދި ފޮނުވާފައި ވަނީ އެމްޓީސީސީގެ ކުރީގެ ސީއީއޯ ހަސަން ޝާހް އާއި ޖެނެރަލް މެނޭޖަރަކަށް އަދި ޓެންޑާ އިވެލުއޭޝަން ކޮމިޓީގެ މެންބަރަކަށް އޭރު ހުންނެވި މާލެ، ހ. ފެއަރީޕެލަސް، ޝިފާއު އަލީ އާއި ޓެންޑާ އިވެލުއޭޝަން ކޮމިޓީގެ މެންބަރުންގެ ގޮތުގައި އޭރު ތިއްބެވި ށ. ކޮމަންޑޫ، ޕާކީޒާ، ހުސައިން ޒުހުރީ އާއި މާލެ، މ. ޕޮމްޕިޔާ، މުހައްމަދު ނާޒިމް އަދި މާލެ، ގ. ނިލަ، އިސްމާއީލް އަދުހަމްގެ މައްޗަށެވެ.
އޭސީސީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އެމްޓީސީސީން އެ ކުންފުނީގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ ގޮތުން ހުޅުމާލޭގެ 2 ވަނަ ފިޔަވަހީގައި 15 ފަންގިފިލާގެ 2 ޓަވަރު އަޅައިދޭނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާނާ ގުޅިގެން، ބިޑު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ބޭރުގެ ކުންފުންޏަކަށް އިވެލުއޭޝަން ކްރައިޓީރިއާއާ ޚިލާފަށް ޕޮއިންޓް ދީ، އެ ޕްރޮޖެކްޓް އެ ކުންފުންޏާ ޙަވާލުކޮށް، އެ ކުންފުނިން އެއްބަސްވުން ބާޠިލުކުރަންޖެހޭފަދަ ޚިލާފުތައްވެފައިވީނަމަވެސް، އެއްބަސްވުން ބާޠިލުކުރުމުގެ ބަދަލުގައި އެ ކުންފުންޏަށް ”އެޑްވާންސް ޕޭމެންޓާއި“ ”ޕްރޮގްރެސިވް ޕޭމެންޓު“ތައް ދޫކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން، އެއްބަސްވުމުގެ ދަށުން ކުރަންޖެހޭ މަސައްކަތްތަކެއް ވަކި މަސައްކަތްތަކެއްގެ ގޮތުގައި ޙަވާލުކުރުމަށް މަސައްކަތްކޮށް، މަސައްކަތް ހަވާލުކުރި ކުންފުނިން އެއްބަސްވުމާ އެއްގޮތަށް މަސައްކަތްކޮށްފައި ނުވާއިރު، އެ އެއްބަސްވުން ބާޠިލުކޮށްފައިނުވާ ކަމަށާއި، މި ޢަމަލުތަކުގެ ސަބަބުން އެމް.ޓީ.ސީ.ސީއަށް ބޮޑެތި މާލީ ގެއްލުންތަކެއް ވެފައިވާ ކަމަށް އޭސީސީން ބުންޏެވެ.
އޭސީސީން ހާމަކޮށްފައިވާ ގޮތުގައި އެމްޓީސީސީގެ ކުރީގެ ވެރިންގެ މައްޗަށް ހުށަހަޅާފައިވަނީ ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން މަންފާ ހޯދުމާއި ހޯދައިދިނުމުގެ ކުށުގެ ދަޢުވާގެ އިތުރުން ދައުލަތަށް ފައިދާއެއް ލިބެންއޮތްކަމެއްގައި އެނޫންގޮތަކަށް ޢަމަލުކުރުމުގެ ކުށުގެ ދަޢުވާ ކަމަށެވެ. އަދި ޝިފާޢު ޢަލީގެ މައްޗަށް އިތުރު ދަޢުވާއެއްގެ ގޮތުގައި ކުށެއް ކުރަން އުޅުމުގެ ކުށުގެ ދަޢުވާ ކުރުމަށްވެސް ވަނީ ހުށަހަޅައިފައެވެ.
މި މައްސަލާގެ ތަހުޤީގުގައި އެމްޓީސީސީއަށް މާލީ ގެއްލުމުގެ ގޮތުގައި ލިބުނު 39 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ގެއްލުމުގެ އިތުރަށް ލިބިފައިވާ މާލީ ގެއްލުން ހިސާބުކޮށް، އެ ފައިސާ ހޯދުމަށް އޭސީސީން ވަނީ އެމްޓީސީސީއަށް އަންގައިފައެވެ. އެމްޓީސީސީން އެ މަޝްރޫއު ހަވާލުކުރީ ސިންގަޕޫރުގެ ރީ އިންޖިނިއަރިން ވޯކްސް ޕްރައިވެޓް ލިމިޓެޑާއެވެ. 2017ވަނަ އަހަރު، ދެ އަހަރު ތެރޭގައި އެ މަސައްކަތް ނިންމާ ގޮތަށް ހަވާލުކުރި ނަމަވެސް މިހާތަނަށް އެ ޓަވަރުތަކުގެ މަސައްކަތް ނިމިފައިނުވާކަން ފާހަގަކޮށްލެވެއެވެ.

































