ޢީދު ބަންދާއި ދިމާކޮށް ޤައުމީ އެއަރލައިން، މޯލްޑިވިއަނުން އިތުރު ދަތުރުތަކެއް ކުއްކުރުމަށް ނިންމައިފިއެވެ.
މިގޮތުން އެއެއަރލައިނުން ދަތުރުކުރާ އެކި ރަށްރަށަށް އިތުރު ދަތުރުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ޑިމާންޑާ އެއްވަރަށް ޚިދުމަތް ދިނުމުގެ ބޭނުމުގައި ކަމަށް މޯލްޑިވިއަނުން ބުނެއެވެ. މޯލްޑިވިއަނުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި ފުވައްމުލަކު ސިޓީއަށް އިތުރު ފަސް ދަތުރު ހަމަޖެހިފައިވާއިރު، މިހާރުވެސް ދުވާލަކު ތިން ދަތުރު ކުރަމުންދާ އައްޑޫ ސިޓީ ގަމަށްވެސް އިތުރު ދަތުރުތަކެއް ކުރިއަށްދާނެއެވެ
މީގެ އިތުރުން ހއ. ހޯރަފުށި، ހދ. ހަނިމާދޫ، ހދ. ކުޅުދުއްފުށި، ށ. ފުނަދޫ، ލ. ކައްދޫ، ގއ. ކޫއްޑޫ، ގދ. ކާޑެއްދޫ، ގދ. މާވަރުލު އަދި ގދ. ފަރެސްމާތޮޑާއަށްވެސް އިތުރު ދަތުރުތަކެއް ކުރިއަށްދާނެކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
އަދި ޢީދާ ދިމާކޮށް، މޯލްޑިވިއަންގެ ސީޕްލޭން ޚިދުމަތް ބ. ފުޅަދޫއަށް މާރިޗު 31 ވަނަ ދުވަހުން ފެށިގެން ފެށުމަށްވެސް ވަނީ ނިންމާފައެވެ.
މޯލްޑިވިއަންގެ ފަރާތުން މަޢުލޫމާތު ދެއްވި ގޮތުގައި އިތުރުކުރެވުނު ދަތުރުތަކާއެކު ޢީދާއި ދިމާކޮށް އިތުރުވަމުންދާ ޑިމާންޑަށް ފުރިހަމައަށް ޚިދުމަތް ދެވިގެންދާނެއެވެ. މިހާރު އެ އެއަރލައިންގެ ފްލީޓުގައި 25 ބޯޓު ހިމެނޭއިރު، އޭގެ ތެރޭގައި އޭޓީއާރު، ޑޭޝް8، އޭ320 ނެރޯބޮޑީގެ އިތުރުން ސީޕްލޭން ބޯޓުތައް އެތެރޭގެ އުދުހުންތަކަށް ބޭނުންކުރަމުންދެއެވެ.

































