ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ބިރު ދައްކައި، އެ ކޯޓަށް ނުފޫޒު ފޯރުވަމުން ގެންދަވާ ކަމަށް ސްޕްރީމް ކޯޓުން އިސްތިއުފާދެއްވި ފަނޑިޔާރު، ހުސްނުއް ސުޢޫދު ވިދާޅުވެފައިވާތީ އެ މައްސަލަ ތަހުގީގު ކޮށްދިނުމަށް ސަރުކާރުގެ މުއައްސަސާތަކަށް އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ގޮވާލައިފި އެވެ.
މިކަމަށް ހާމަކޮށްފައިވަނީ އެމްޑީޕީން އިން މިއަދު ނެރުން ނޫސްބަޔާނުގައެވެ. އެބަޔާނުގައި ވަނީ ރައީސް މުއިއްޒު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށާއި، އެ ކޯޓަށް ނުފޫޒު ފޯރުވަމުން ދާކަމަށް ކުރެވޭ ތުހުމަތާއި ގުޅިގެން ކަން ނޫސްބަޔާނުގައިއެވެ.
އެމްޑީޕީން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވަނީ ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންނަށް ބިރުދައްކައި، އެ ކޯޓަށް ހުށައަޅާފައިވާ ދުސްތޫރީ މައްސަލަ ވަކި ގޮތަކަށް ނިންމުމަށް ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ނުފޫޒު ފޯރުވަމުން ދާކަމަށް ސްޕްރީމް ކޯޓުން އަންގާރަ ދުވަހު އިސްތިއުފާ ދެއްވި ފަނޑިޔާރު ޙުސްނު ސުޢޫދު ވިދާޅުވެފައިވާތީ އެ މައްސަލަ ތަޙުޤީޤުކޮށް، ފަނޑިޔާރުގެ މިނިވަން ކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށް ދައުލަތުގެ މުއައްސަސާތަކަށް ގޮވާލާ ކަމަށެވެ.

އެމްޑީޕީން ބުނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ރައްޔިތުންގެ މަޖިލީހުން ބިލެއް ފާސްކޮށްފައި ވަނީ ވެސް ރައީސް މުއިއްޒުގެ އެންގެވުމަށް އެ މައްސަލަ ސަރުކާރު ބޭނުންވާ ގޮތަށް ނިންމުމުގެ ބޭނުމުގައި ކަމަށެވެ.
ސުޕްރީމްކޯޓުގެ ފަޑިޔާރު ޙުސްނު ސުޢޫދު މިއަދު އިސްތިއުފާ ދެއްވުމަށް ލިޔުއްވި ސިޓީގައި ވިދާޅުވެފައި ވަނީ ސިޔާސީ ޕާޓީތަކަށް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ ބާތިލް ކުރަން ސުޕްރީމް ކޯޓަށް ހުށަހަޅާފައި އޮތް މައްސަލަ، ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގަންނަވާ ގޮތަށް ނިންމުމަށްޓަކައި އެ މަނިކުފާނު ކޯޓުގެ ފަނޑިޔާރުންނަށް ބިރު ދައްކައި، ނުފޫޒު ފޯރުވަމުން ގެންދަވާ ކަމަށެވެ.
ގާނޫނުއަސާސީގެ 73 ވަނަ މާއްދާ އަށް ގެނައި އިސްލާހު ބާތިލްކުރަން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލީ ހުސައިން ހުށަހެޅުއްވި މައްސަލަ ބެލުމުގެ އިހުތިސާސް ސުޕްރީމް ކޯޓަށް ލިބިގެންވާ ކަމަށް އެ ކޯޓުން ނިންމުމާއެކު، އެ ކޯޓުގެ ފަނޑިޔާރުންގެ މައްސަލަ ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް އޮންނަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) މެދުވެރިކޮށް ބަލަމުން ދަނީ އެއްވެސް އަސާސެއް ނެތި އެ މައްސަލަ ސަރުކާރު ބޭނުންވާ ގޮތަށް ނިންމުމަށް ކަމަށް އެމްޑީޕީން ބުނެ އެވެ.މީގެ އިތުރުން ދައުލަތުގެ ތިން ބާރު ވެސް ރައީސުލްޖުމްހޫރިއްޔާގެ އަތަށް މަހައިލުމަށް ވެރިކަން ކުރާ ޕާޓީން ހިންގަމުންދާ ޣައިރު ދުސްތޫރީ އަދި ގައިރު ގާނޫނީ އަމަލުތަކާ ދެކޮޅަށް ތެދުވެ، އެ ކަންކަމާ މެދު މެދުކެނޑުމެއް ނެތި އިހުތިޖާޖު ކުރުމަށް ރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް އެމްޑީޕީން ވަނީ ގޮވާލައިފަ އެވެ.
ގާނޫނުއަސާސީގެ 141 ގެ ނ. ގައި ބަޔާންކޮށްފައި ވަނީ އަމިއްލަ ފަރުދަކު ވިޔަސް، ދައުލަތުގެ ކަމެއް ހިންގުމާ ހަވާލުވެ ހުރި މީހަކު ވިޔަސް، ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވައި ހަދައިގެނެއް ނުވާނެ ކަމަށެވެ. ވީމާ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގައި ބަޔާން ކޮށްދީފައިވާ ގޮތަށް ފަނޑިޔާރުގޭގެ މިނިވަންކޮށް ދިނުމަށް ދައުލަތުގެ އިދާރާތަކަށް ގޮވާލާކަމަށް އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވެއެވެ.

































