ދާޚިލީ ވަޒީރު އަލީ އިހުސާނުގެ އިތުބާރު އޮތްކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
އެމްޑީޕީން ވަޒީރު އިޙްސާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާ ފާހަގަކޮށްފައިވަނީ މައިގަނޑު ތިން މައްސަލައެކެވެ.
އެ ތިން މައްސަލައިގެ ތެރޭގައި ހިމެނެނީ ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ކަންކަން ބަލަހައްޓާ އެކްސްޕެޓް ސިސްޓަމް މެލޭޝިއާގެ ”ބެސްޓިނެޓް“އާ ދައުލަތަށް ގެއްލުންވާ ގޮތަށް ހަވާލުކުރުމާއި، ޑީއެންއާރްގެ ޑާޓާ ސިސްޓަމްގައިވާ އާންމު ރައްޔިތުންގެ ޒާތީ މައުލޫމާތު ވެރިކަން ކުރާ ޕީއެންސީއަށް މެންބަރުން އިތުރުކުރުމަށް ބޭނުންކުރި މައްސަލަ އާއި ފުލުހުންގެ ތަހުޤީގަށް ސިޔާސީ ނުފޫޒު ފޯރުވުމެވެ.
މި މައްސަލާގައި ވަޒީރު އިޙްސާނު މަގާމުން ވަކިކުރަން ވޯޓު އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ 11 މެންބަރުން ޕޯޓު ދެއްވިއިރު ވަޒީރު އިޙްސާނަށް އިތުބާރު އޮތްކަމަށް ވޯޓު ދެއްވީ 64 މެންބަރުން ވޯޓުދެއްވާފައިވެއެވެ.
އެ ތުހުމަތުތަކަށް ވަޒީރު އިހުސާން މިއަދު ވަނީ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން ވަކިވަކިން މި ހުރިހާ ތުހުމަތުތަކަށް ފުރިހަމައަށް ޖަވާބުދާރީވެވަޑައިގެންފައެވެ. ޖަވާބުދާރީވާން ލިބިލެއްވި ފުރުސަތުގައި އިހުސާން ވަނީ އަދި އެއްވެސް ކަމެއް ޤަވައިދާ ހިލާފަށް އަދި އޭނާގެ އިތުބާރު ގެއްލޭ ފަދަ ގޮތަކަށް ކޮށްފައިނުވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
އެގޮތުން އެމްޑީޕީގެ ތުހުމަތުތައް ދޮގުކުރަށްވަމުން އިޙްސާން ވިދާޅުވީ ޑީއެންއާރުގެ ޑޭޓާ ބޭނުން ކޮށްގެން ޕީއެންސީއަށް މެންބަރުން ވެއްދިނަމަ ހޯމް މިިނިސްޓްރީގެ ސިޔާސީ މުވައްޒަފުން ހުށަހަޅާނީ އެންމެ 1،700 ފޯމު ނޫން ކަމަށެވެ.
އޭގެ އިތުރުން އެމްޑީޕީން ސުވާލު އުފައްދާފައިވާ ލިސްޓަކީ 2014 އިން ފެށިގެން އިންތިޚާބުތަކުގައި ޢާއްމުކޮށް ހުރިހާ ޕާޓީއަކުންވެސް ބޭނުންކުރާ ލިސްޓެއްކަމަށް އިޙްސާން މިއަދު ވިދާޅުވެފައިވެއެވެ.

































