ގއ. ވިލިނގިލީ ޒަމާނީވިލާ ފާތިމަތު ޝިއުނާ ވިހެއިތާ ގިނައިރު ތަކެއްނުވެ ނިޔާވި ފަހުން، އޭނާގެ ދަރިފުޅު ވެސް ނިޔާވި މައްސަލައިގެ ތަހުގީގު އަވަސްކޮށް، ހޮސްޕިޓަލުގެ ޚިދުމަތްތައް ރަނގަޅުކޮށްދޭން އެރަށު ކައުންސިލުން ގޮވައިލައިފިއެވެ. މިކަމަށް ގޮވާލާފައިވަނީ ވިލިނގިލީ ކައުންސިލަރުން ސޮއިކޮށް ނެރުނު ބަޔާނެއްގައެވެ. އެބަޔާނުގައި އެ ރަށު ޒަމާނީވިލާ ފާތިމަތު ޝިއުނާއާއި އޭނާގެ ތުއްތު ދަރިފުޅު ނިޔާވި ހާދިސާގައި އެއްވެސް ބައެއްގެ އިހުމާލެއް އޮތްނަމަ، އަވަސް ފިޔަވަޅުތަކެއް އެޅުމަށް ވެސް ވަނީ ގޮވާލާފައެވެ.
މީގެއިތުރުން، މި ހާދިސާއަކީ ވިލިނގިލީ ރައްޔިތުންނަށް ކުއްލި ސިހުމެއް ލިބިގެންދިޔަ ހާދިސާއެއްކަމާއި، މިފަދަ ހިތާމަވެރި ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް ސިއްހީ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް ވަނީ ގޮވާލާފައެވެ.
”ގއ.އަތޮޅު ހޮސްޕިޓަލަކީ ހުވަދުއަތޮޅު އުތުރުބުރީގެ މުޅި އާބާދީއަށާއި، ސަރަހައްދުގައި ހިމެނޭ ޓުއަރިސްޓު ރިސޯޓްތަކާއި ، ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށާއި، ކޫއްޑޫ އެއާޕޯޓަށް ޚިދުމަތް ފޯރުކޮށްދޭ ހަމައެކަނި ހޮސްޕިޓަލެވެ. މިތަންތަނުން ޚިދުމަތް ހޯދާ ދިވެހިންނާއި ބިދޭސީންނަށް ފަރުވާ ދިނުމަށް ޤާއިމު ކުރެވިފައިވާ މިހޮސްޕިޓަލްއަކީ، ރައްޔިތުންގެ އިތުބާރުލިބިފައިވާ ޕްރޮފެޝަނަލް މުއައްސަސާއެއް ކަމުގައި ވާން ޖެހޭނެކަމަށް މިކައުންސިލުން ދެކެމެވެ.“ އެ ކައުންސިލްގެ ބަޔާނުގައިވެއެވެ.
ސަރުކާރުން ސިއްހީ ޚިދުމަތަށް ބޮޑު ހޭދައެއްކުރި ނަމަވެސް އޭގެ ފުރިހަމަ މަންފާ ރައްޔިތުންނަށް ލިބޭނީ އެކަމާ ހަވާލުވެ ތިބޭ ފަރާތްތައް ޒިންމާދާރުކުރުވައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުންކަމަށް ވިލިނގިލީ ކައުންސިލްގެ ބަޔާނުގައި ވަނީ ބުނެފައެވެ. އަދި މިހާރު ހޮސްޕިޓަލުން ދެމުންދާ ޚިދުމަތް ދޭ ގޮތް މުރާޖަޢާކޮށް ބޮޑެތި އިސްލާޙުތަކެއް ގެނައުމަކީ މުހިއްމު ކަމެއް ކަމަށް ދެކޭ ކަމަށާއި އަދި ބައިނަލް އަޤްވާމީ މިންގަޑުތަކާއި އެއްގޮތަށް ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކައުންސިލުން ގޮވާލާ ކަމަށް ބަޔާނުގައި ވެއެވެ.

































