ރާއްޖޭގައި ރޫހާނީ ފަރުވާގެ ޚިދުމަތްތަކެއްދޭ ކަމަށް ބުނެ މީސް މީޑިއާ ގައި އިޝްތިހާރު ކުރަމުންދާ މައްސަލައެއް ފުލުހުންގެ ބަލަން ފަށައިފި އެވެ.
ފުލުހުންގެ ޚިދުމަތުން މިއަދު މީޑިއާތަކަށް ހިއްސާކޮށްފައިވާ މެސެޖެއްގައި ބުނީ، ”މާސްޓަރ ދުރްގާ ރާއޯ ގުރުޖީ“ ނަމަކަށް ކިޔާ މީހަކު ދިވެހިރާއްޖޭގައި ރޫހާނީ ފަރުވާގެ ހިދުމަތްތަކެއް ދޭކަމަށް ބުނެ ސޯޝަލް މީޑިއާގެ މަންސަތަކުގައި އިޝްތިހާރު ކުރަމުންދާ މައްސަލަ ފުލުހުންގެ ސަމާލުކަމަށް ވަނީ އައިސްފައިވާކަމަށެވެ.
މި މައްސަލައާ ގުޅިގެން، ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކަމާބެހޭ އިދާރާތަކާ ގުޅިގެން ފުލުހުން ދަނީ ކުރަމުންކަމުގައެވެ.
އިތުރަށް ފުލުހުން ބުނީ، ދިވެހިންގެ ސަގާފަތާއި ދީނާ ޚިލާފު މިފަދަ ކަންކަމުގެ މަޢުލޫމާތު އެކަކު އަނެއްކަކާ ހިއްސާ ކުރުމުގެ ބަދަލުގައި ވީ އެންމެ އަވަހަކަށް ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެނެސް ޤާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަކީ މުހިންމު ކަމެއްކަމުގައި ފުލުހުންދެކޭކަމަށެވެ.
އެހެންކަމުން މިދަފައިޝްތިހާރުތައް ފެނިއްޖެނަމަ ލަސްނުކޮށް ފުލުހުންނަށް އެންގުމަށްވެސް ފުލުހުން އެދިފައިވެއެވެ.
ފުލުހުން ބުނީ، މައްސަލާގައި ތުހުމަތު ކުރެވޭ ”މާސްޓާ ދުރްގާ ރާއޯ ގުރުޖީ“ އަށް ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކަމާބެހޭ އިދާރާތަކާ ގުޅިގެން ކުރަމުންދާ ކަމަށެވެ.
ރޫހާނީ ޚިދުމަތް ފޯރުކޮށްދޭކަމަށް ބުނެ ފޭސްބުކްގައި އެ މީހާ ހިންގާ ޕޭޖުގައި ވާގޮތުގައި، ހޮރޮސްކޯޕް މެދުވެރިކޮށް ދިމާވާ މައްސަލަތަކަށް ހައްލު ހޯދައިދޭ ކަމަށް ބުނެފައިވެއެވެ. އަދި ޚިދުމަތައް އެދި ގުޅާނެ ނަންބަރެއްވެސް އެ ޕޯސްޓުގައި ލިޔެފައި ވެއެވެ.

































