އާޓިފިޝަލް ބީޗުގައި މާރާމާރި ހިންގި ބިދޭސީންތައް ޑީޕޯޓްކުރުމުގެ މަސައްކަތް އިމިގްރޭޝަނުން ފަށައިފިއެވެ.
ފުލުހުން ބުނީ އާޓިފިޝަލް ބީޗުގައި ބިދޭސީންތަކެއްގެ މެދުގައި މާރާމާރީ ހިންގި މައްސަލަ ރޭ 20:30 ހާއިރު ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އަދި މާރާމާރީގެ މަންޒަރު ރިކޯޑުކުރި ދިވެއްސަކާ މެދު ވެސް އެ މީހުން މާރާމާރީ ހިންގާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި މައްސަލައާ ގުޅިގެން އިންޑިއާ ތިން ފިރިހެނަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މިކަމާއި ގުޅިގެން އިމިގްރޭޝަންގެ ކޮންޓްރޯލަރ ޝައްމާން ވަހީދު ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އާޓިފިޝަލް ބީޗު ސަރަހައްދުގައި ބިދޭސީންތަކެއްގެ މެދުގައި ހިނގި މާރާމާރީއަކާއި ގުޅިގެން ފުލުހުން ވަނީ 03 ބިދޭސީއަކު އިމިގްރޭޝަނާއި ހަވާލުކޮށްފައިވާ ކަމަށެވެ. އަދި މި އެންމެން ވެސް ޑީޕޯޓުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާއިރު އާންމު މަސްލަހަތަށް ނުރައްކާވާ ގޮތަށް، މިފަދަ އަމަލުތައް ހިންގާ ބިދޭސީންނަށް އިތުރު ފުރުސަތެއް ނުދޭނެ ކަމަށެވެ

































